ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވަރުގަދަ ތޫފާނެއްގައި ޖެހި، އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގައި ބޮލީވުޑްގެ މަސައްކަތްތައް މަޑުޖައްސާލާފައި އޮތުމަށްފަހު، އެ ސިނާއަތް އަލުން ހިންގައިގަންނަން އުޅޭ ކަމުގެ އިޝާރާތެއް ލިބިއްޖެއެވެ.

މަހާރާޝްތުރާގައި ބޮލީވުޑް ފިލްމުތަކުގެ މަސައްކަތްތައް އަލުން ފެށިދާނެ ކަމަށް އިޝާރާތް ކުރަމުން، އިންޑިއަން ފިލްމްސް އެންޑް ޓެލެވިޝަން ޕްރޮޑިއުސާސް ކައުންސިލް (އައިއެފްޓީޕީސީ)ގެ ޗެއާމަން، ޕްރޮޑިއުސާ ޖޭޑީ މަޖޭތިއާ ބުނީ، އަމިއްލަ ވަޒަނުން ބޭރުގައި ޝޫޓިންގް ކުރިއަށް ގެންދިއުމަކީ މާ ފަސޭހަ ކަމެއް ނޫން ކަމަށާއި ކޮންމެ މީހަކުވެސް އަމިއްލަ ވަޒަނުގައި ޝޫޓިންގްގެ މަސައްކަތް ކުރިއަށް ގެންދަން އެދޭނެ ކަމަށެވެ.

އަދި މިކަމާ ގުޅިގެން ޗީފް މިނިސްޓަރު ޔޫދާވް ތަކަރޭއާ ވަރަށް ގާތުން މަޝްވަރާ ކުރަމުން ދާ ކަމަށާއި މުމްބާއީގައި ޝޫޓިންގް ފެށުމުގެ ހުއްދަ ވަރަށް އަވަހަށް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ޖޭޑީ ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ސާޖަކާ ގުޅިގެން ބޮލީވުޑް ފިލްމުތަކުގެ އަމަލީ މަސައްކަތްތަކާއި ޝޫޓިންގްތައް މެދުކަނޑަލާފައި އޮންނަތާ މިހާރު ވަނީ ދޮޅުމަހެއްހާ ދުވަސް ވެފައެވެ. މަހާރާޝްތުރާގައި ކޮވިޑްގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓްކޮށް، މުޅި ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމާއެކު ބޮލީވުޑްގެ ބައެއް މަސައްކަތްތައް، އިންޑިއާގެ އެހެން ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔައެވެ.

ފިލްމު ސިޓީ މުމްބާއީގައި ޝޫޓިންގްތައް އަލުން ފެށިދާނެ ކަމުގެ އިޝާރާތާއެކު، ބޮލީވުޑް ސިނާއަތަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ކަމަށް ބެލެވެއެވެ.