ދިވެހިރާއްޖެޔަކީ ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކޮށް ބެލެހެއްޓުމުގެ ލާމަސީލު މިސާލެއް ކަމަށް މުޅި ދުނިޔެ އެއްބަސް ވެއެވެ. ނުވަތަ އެހެން ކަމަށް ގިނަ މީހުން ބުނެ އުޅެއެވެ. ރާއްޖޭގެ ތިމާވެށި ރައްކާކުރަން ނިކުމެގެން އުޅޭ އެކި މީހުންނަަށް އެ ރޮނގުން އެކި ދުވަސްވަރުގައި މެޑެލިތައް ވެސް ލިބުނެވެ. ރާއްޖޭގައި ވެރިކަން ކުރެއްވި އެކި ބޭބޭފުޅުންނަށް އެ ރޮނގުން އެޔަށް ވުރެ އަދި މާ މަތިވެރި ލަގަބުތައް ވެސް ލިބިވަޑައިގަތެވެ. އެހެން ކަމުން، ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރި ކުރުމަކީ ދުނިޔޭގެ ފެންވަރުން ވެސް ރާއްޖޭގައި ވަރަށް މޮޅަށް ކުރާ ކަމެއް ކަމަށް އެތައް ބަޔަކު ގަބޫލު ކުރެއެވެ.

ތެދެކެވެ. ރާއްޖޭގެ ރީތި ގޮނޑުދޮށްތައް ހިމާޔަތް ކުރެވެއެވެ. ކަނޑުގެ ތާހިރުކަމާއި ސާފުކަން ހިމާޔަތް ކުރެވެއެވެ. ގިނަ ވައްތަރުގެ ދޫނިސޫފާސޫފި ހިމާޔަތް ކުރެވެއެވެ. މިޔަރާއި ފަރުމަހުގެ ބައެއް ބާވަތް ހިމާޔަތް ކުރެވެއެވެ. ވެލާ ކަހަނބުވެސް ހިމާޔަތް ކުރެވެއެވެ. ސުވާލަކީ އެކަން މުޅި ރާއްޖޭގައި ކުރެވޭ ހެއްޔެވެ. އަދި އެކަން ކުރަނީ ކޮން ބޭނުމެއްގައި ހެއްޔެވެ.

ތެދެކެވެ. ޖައްވަށް އަރައިގެންދާ ދުމުގެ މިންވަރު މަދު ކުރުމަށްޓަކައި ދުއްވާ އެއްޗެހިން އަރާ ދުމުގެ މިންވަރު މަދުކުރަން ރޯޑުވާދިނަސް އާއި ސީވާދިނަސް ޓެސްޓު ހަދައެވެ. ޖައްވަށް އަރައިގެންދާ ވިހަ ގޭސް މަދުކުރުމަށްޓަކައި، ތަންކޮޅެއް ކުރީގައި އައިސްއަލަމާރިޔަށް އަޅައި އުޅުނު ފްރީއޯން ކަހަލަ ގޭސްތައްވެސް މިހާރަކު އެތެރެއެއް ނުކުރެވެއެވެ. ހޮޓާ ހޮޓަލާއި ރެސްޓޯރަންޓު ތަކުން ބޭނުން ކޮށްފައި އުކައިލާ ތެޔޮ ވެސް އުކައިލަން ޖެހެނީވެސް ވަކި ގޮތަކަށެވެ. ގަރާޖު ތަކުުން އުކައިލާ ކަޅުތެލަކީ އަދި މާ ރައްކާތެރިކޮށް އުކައިލަން ޖެހޭ އެއްޗެކެވެ. އަލަށް ބިނާ ކުރެވޭ އިމާރާތްތަކުން ބުރާ ސިމެންތިޔާއި ވެއްޓޭ ގާބުރިބުރިޔާއި ދަގަނޑު ގަނޑުގަނޑުން ސަލާމަތްވާން ޖަހަން ޖެހޭ ދާގަނޑު ޖެހުންވެސް އެއީ މަޖުބޫރު މާއްދާއެކެވެ. މިހިރީ ތިމާވެށި ހިމާޔަތް ކުރަން ރާއްޖޭގައި ކުރެވޭހައި ކަންކަމެވެ. ލިޔެވިފައި އޮންނަ ގޮތަށް ބަލާނަމަ ރަނގަޅު ކަންކަމެވެ.

ސިނަމާލެ ބްރިޖުން ބަޔަކު ދަތުރު ކުރަނީ

މިހިސާބަށް މި ވާހަކަ ދައްކައިފައި، ދެން ދައްކަން އޮތީ ތަންކޮޅެއް ދަތި ވާހަކައެކެވެ. އެއީ މިއެވެ. މަތީގައި މިބުނެވުުނު ގޮތަށް ހިމާޔަތް ކުރެވޭ ތަންތަނާއި އެއްޗެހި ހުންނަނީ ރާއްޖޭގެ ބައެއް ތަންތަނުގައޭ، ވަކި ހާލަތްތަކެއްގައޭ، މިހެން ބުނަން ޖެހޭ ގޮތް ބައެއް ފަހަރު ދިމާ ވުމެވެ. ތިމާވެށި ހިމާޔަތް ކުރެވެނީ ވަކި ސިނާއަތަކާ އެކަމާ ގުޅުނީމައިހޭ، ނުވަތަ ވަކި ބަޔަކަށްޓަކައިހޭ ސުވާލު ކުރެވޭ ފަދަ ގޮތް ދިމާވުމެވެ.

ތެދެކެވެ. ރާއްޖޭގެ ރިސޯޓުތަކުގެ ގޮނޑުދޮށްތައް ހިމާޔަތް ކުރެވެއެވެ. ފަތުރުވެރިން އަވިން ފިހިލަން އޮށޯވެލާނޭ ސާފު ގޮނޑުދޮށްތައް ހަދައިލަން އެތަންތަނުގައި މަށަންދަތި އަޅައި، އިލޮށިފަތިން ކަހައި އޮމާން ކޮށް، އަކިރި ހޮވެއެވެ. ނުވިތާކަށް، އެހެން ތަންތަނުން ސާފު ދޮންވެލި ގެނެސްގެން އެ ތަންތަން [މުއްސަނދި] ވެސް ކުރެވެއެވެ. އެކަމަކު އެ ވެލި ގެންނަނީ ކޮންތާކުންތޯ އަހައިލާނޭ މީހަކު ނުވިޔަސް ހަމަ އެންމެ ރަނގަޅެވެ. ހަމަ އެފައިސާފޮތީގެ އަނެއް ފުށަށް ބަލައިލާއިރު، ރާއްޖޭގެ މީހުން އުޅޭ ބޮޑެތި ރަށްރަށުގައްޔާއި، ސިނާއީ ބޮޑެތި މަސައްކަތްތައް ކުރާ ރަށްރަށުގެ ބައެއް ގޮނޑުދޮށްތައް ފެނިފައި އަސްތާއޭ، މިއީވެސް ހަމަ ރާއްޖެ ބާވައޭ ހިތަށް އަރާވަރު ވެއެވެ. ވެށި ހިމާޔަތް ކުރާ މީހުންނަށް އެތަންތަން ނުފެންނަނީ ބާވައޭވެސް ހިތަށް އަރައެވެ. މާލޭގެ ފަތާ ޓުރެކާ ދިމާ މޫދުގައި ބާކީވެފައި އެހުންނަ ގުންގުރޭޓު ގެގަނޑާ ދިމާއިން ފަޅުތެރެ ބަލައިލިޔަސް އެކަހަލަ ދެތިން އަސްތާ އެއްފަހަރާ ކިޔޭނެއެވެ.

ގުދަނެއްގައި ހުރި ހުޅު ހިފާ ޒާތުގެ ފީފާތަކެއް ޕިކަޕަކަށް އަރުވަނީ --

ތެދެކެވެ. ރާއްޖޭގައި ދޫނިސުފާސޫތްޕާއި ވެލާ ކަހަނބުވެސް ހިމާޔަތް ކުރެވެއެވެ. ކަނޑުމަތީގެ ވައްލަ، މާރަނގަ، ގާދޫނި، ކުރަނގި، މިކަހަލަ އެތައް ދޫންޏެއް ބިސްއަޅަން ތިރިކޮށް އުޅޭ ފިނޮޅުތައް ހާދަހައި ސާފުވެފައި ރީއްޗެވެ. އެކަމަކު އެތަންތަނަށް ފަތުރުވެރިން ޕިކުނިކު ގެންގޮސް، ރޭގަނޑުގެ ޑިނަރު ކެއުން ބާއްވައިލައިދީ ހެދީމައި އެ ފިނޮޅަކަށް ދެން އަރާނެ ދޫންޏެއް ނުއުޅޭނެޔޭ ބައެއް މީހުން ބުނެއެވެ. އެކަމަކު އެ ވާހަކަ ދައްކާނެ ހިމާޔަތްތެރީން މަދުކަމުގެ ވާހަކަ ދައްކާނެ މީހަކުވެސް ވަރަށް ނެތެވެ. ހައެއްކަ ޖީލަށް އެ ފިނޮޅަށް ބިސްއަޅަމުން އައި ވެލަޔާއި ކަހަނބު ބިރުން އައިކޮޅަށް އަނބުރައިލައިފައި މާކަނޑަށް ގޮސް ދާއިމަށް ވަގުވީމައި އެ ވާހަކަވެސް ދައްކާނެ މީހަކު މަދުން ނޫނީ ހަމަ ނެތެވެ. ފިނޮޅެއްގެ ވެލިގަނޑު އުދަލިކާރުން ގެންގޮސްގެން ހާވައިގަނެ، މެދުން ބުރި ކޮށްލިޔަސް... އުނހު! އެވާހަކަ މިތާކު ނުދައްކާނަމެވެ.

ދެން އޮތީ ވިހަ ގޭސްތަކާއި ކެމިކަލް ތަކާއި ކަޅުތެލުގެ ވާހަކައެވެ. މި މާއްދާތަކާ ބެހޭ ގަވައިދުތައް ވެސް ވަރަށް ފުރިހަމައެވެ. އެކަމަކު ބައިބޯ ހިސާބުތަކުގައި ހިންގާ ގަރާޖުތަކުގެ އެތެރޭގައި މަރާމާތު ކުރަން ކިތާބީ ގޮތުން ޖެހޭ އުޅަނދުތައް އަމަލީ ގޮތުން މަގުމަތީގައި މަރާމާތު ކުރާތަން ފެންނަ މީހަކު ނެތެވެ. ބައެއް ގަރާޖުތަކުގެ ކުރިމަތީގައި އޮންނަ ދުވާރު ކަޅުކުލައިން ކަޅިވެ، އޮފު އަރަައިފައި ހުރީމައި، ރަށުގެ ފަސްގަނޑު ކަޅުތެލުން ހިމާޔަތް ކުރެވޭ ބާވައޭ ހިތަށް އަރާ ވަރު ވެއެވެ. އެކަހަލަ ގަރާޖު ތަކުގައި މަރާމާތުގެ އެކި ހަރުފަތުގެ މަތީގައި ހުންނަ އިންޖީނުތައް ސައިލެންސަރަކާ ނުލައި ހިންގީމައި އެެހެރަ އަރާ ދުންތައް ދާ ތަނެއް ބަލާނެ މީހަކުވެސް، ސީދާ އެމީހަކު ކޮށި ނާރަންޏާ ނެތް ކަހަލައެވެ. އުޅަނދު ފަހަރު ނަލަކޮށްލަން އެ ޖަހައިލާ ދަވާދުގެ ވަސްގަނޑު ނޯށަށް އެރީމައި ވަށައިގެން ތިބި އަވަށްޓެރީންގެ ހެޔަށް ގޮތްވިޔަސް، އެކަމުން ތިމާވެށި ގަރަނބުވެގެން ދާ ތަން ފެންނާނެ، މީހަކަށް ވާކަހަލަ މީހަކަށް ގިނަ ފަހަރަކަށް ނުއުޅޭނެޔޭ ބުންޏަސް އެއީ ދޮގަކަށް ނުވެ ހިނގައިދާނެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި، ތަނަވަސް މީހުންނަށް މާ ފަސޭހައިން ލޯނު ފައިސާ އެ ލިބޭ ތަންތަނުން ލާރި ނަގައިގެން އެހެރަ އަޅަމުން ގެންދާ އިމާރާތްތަކުން މުޅި ހިސާބަށް ބުރައިގެން އެހެރަ ދާ ސިމެންތީގެ ވިލާގަނޑުގަނޑު ގެ ވާހަކަ ދައްކާނެ މީހަކުވެސް ނެތް ކަހަލައެވެ. އެކަހަލަ ގިނަ ތަންތަނުގައި ހުންނާނީ ރަސްގެފާނުގެ އައު ހެދުންކޮޅާ އެއް ހަމަ، ހަމަ ލޮލަށް ނުފެންނަ ޒާތުގެ މޮޅު ދާ ޖަހާފައޭ ބުނާ ބަޔަކުވެސް އުޅެއެވެ. އެކަހަލަ އިމާރާތަކުން ދާދި ފަހުން ދޫވެގެން އައިސް ފަގީރު އަވަށްޓެރިޔާގެ ފުރާޅު ފޫދުއްވައިލި ކަމަށް ބުނި ދަގަނޑުވެސް އެއީ އިއްތިފާގުގެ ފޮތަށް ލެވޭ އިތުރު ގަނޑަކަށް ވެ ނިމިއްޖެ ކަހަލައެވެ. އެކަހަލަ ކަންކަން އެހެން އެ ވަނީ، އެ ކަހަލަ ކަންކަން ހިނގާ ހިސާބުތަކުގައި އުޅޭ ފަގީރު މީހާގެ ތިމާވެށި އެއީ އޮންނަ އެއްޗަކަށް ނުވާތީއެއް ނޫނެވެ. ފަގީރު ކަލޯ ބުނަނީ އެއީ ތިމާވެށީގެ ނުުރައްކާތެރިކަމޭއެވެ. އެކަމަކު އެހެރަ ކަހަލަ ކަންތައްތަކަކީ ތިމާވެއްޓާ ބެހޭ ކަމެއް ނޫންކަމަށް ރުއްގިނަ ގިންތީގެ ބައެއް މީހުން ބުނާތީ އެއީ ތިމާވެށީގެ މައްސަލަޔަކަށް ނުވެ ދަނީއެވެ.

މިހުރިހައި ވާހަކައެއް މިހެން ދައްކައިފައި، ދެން ބުނެލަން އޮތީ ހަމަ އެންމެ ވާހަކައެކެވެ. އެއީ މިއެވެ. މި ލިޔުމުގައި މި ލިޔެލީ މިރާއްޖޭގެ އާބާދީގެ އެތައް ބަޔަކު ހަމަޖެހިލައިގެން ދިރިއުޅެން ބޭނުމިއްޔާ ކޮންމެހެން ހިމާޔަތް ކުރަންޖެހޭ ތިމާވެށްޓަށް ދިމާވެފައިވާ އެތައް މައްސަލައެއް އެކަތިގަނޑަކަށް ވާގޮތަށް އައިސްބާގަކަށް ހަދައިފައި އޭތި ކަނޑަށް ފައްތައިފިއްޔާ މައްޗަށް ފެންނަން ހުންނާނޭ ދެތިން ކަމެއްގެ ވާހަކައެވެ. އެ ކަންކަމަށް އެކަނި ބަލައިލިޔަސް ބުނެވެން އުޅެނީ މިހެންނެވެ. ހިމާޔަތް ކުރެވިފައިވާ ވެއްޓެއްގައި ދުޅަހެއޮ ކަމާއެކު މިރާއްޖޭގައި އުޅޭ ކޮންމެ މީހަކީ ޑޮލަރު ދައްކައިގެން އަންނަ ފަތުރު ވެރިޔަކަށް ވާކަށް ނުޖެހެޔެވެ. ނުވަތަ މަހުޖަނަކަށް ވާކަށް ވެސް ނުޖެހެޔެވެ. ރައްޔިތު ފަގީރާގެ ތިމާވެށި ވެސް ރައްކާތެރިކޮށް، ހިމާޔަތް ކުރުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކެވެ.

ކަން އެހެން އޮތް ކަމަށް ވަންޏާ، ހިމާޔަތް މި ކުރެވެނީ ހަމަ އެންމެންގެ ތިމާވެށި ހަމަހަމަކޮށް ބާވައެވެ؟