ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް، ފިނިޝިންގް މަސައްކަތް ނިންމާ މުއްދަތު އިތުރުކޮށް، އަވަހަށް ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލައި ކަމާ ބެހޭ އިދާރާތަަކަށް ފްލެޓް ލިބުނު މީހުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެ ޕެޓިޝަނަކީ ހިޔާ ފްލެޓް ލިބުނު މީހުން އިސްނަގައިގެން އެމީހުންގެ ހުރި ކަންބޮޑުވުންތައް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ސޮއިކުރަން ފެށި ޕެޓިޝަނެކެވެ. އެ ޕެޓީޝަންގައި ފްލެޓް ލިބުނު 2177 މީހަކު ސޮއިކޮށް މިއަދު ހެނދުނު 10:00ގައި ވަނީ އިދާރާތަކަށް ހުށަހަޅާފައެވެ. އެގޮތުން އެ ޕެޓިޝަންގެ އަސްލު ރައީސް އޮފީހަށް ފޮނުވާފައިވާ އިރު، ފްލެޓް ކޮމެޓީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެޗްޑީސީ އާއި މާލެސިޓީ ކައުންސިލަށް އެ ޕެޓިޝަންގެ ކޮޕީއެއް ވަނީ ފޮނުވާފައެވެ.

އެ ޕެޓިޝަނަކީ ދައުލަތުގެ ކަމާގުޅޭ ވުޒާރާތަކުގައި ފްލެޓް ލިބުނު ފަރާތްތަކުން އެދޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ޖުމްލަ ފަސް ނުކުތާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕެޓިޝަނެކެވެ.

އެ ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި މި ޖޫން މަސް ނިމުމުގެ ކުރިން ފްލެޓަށް ވަދެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި ފިނިޝިން މަސައްކަތް ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި މަހު ކުލި 5،500 ރުފިޔާއަށް ކުޑަކޮށްދިނުމުގެ އިތުރުން ޕެންޝަން ފަންޑުން ޑައުންޕޭމަންޓާއި ފިނިޝިން މަސައްކަތަށް ފައިނޭންސް ކުރެވޭ ގޮތް ހަމަޖައްސައިދިނުން ހިމެނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހައުސިން ޔުނިޓުތައް / ފައިލް ފޮޓޯ: އަލީ ޝަމްއާން | ދަ ޕްރެސް

މީގެ އިތުރުން ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ މުއްދަތު ތިން މަހުން 12 މަހަށް އިތުރުކޮށްދިނުމާއި ފިނިޝިން މަސައްކަތް ރައްޔިތުން އަމިއްލައަށް ކުރަން ޖެހޭތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފުކޮށްދިނުމުގެ އިތުރުން ފްލެޓަށް ދިރިއުޅުން ބަދަލުކުރާއިރު، ފްލެޓުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިދިނުމަށް ވެސް އެ ޕެޓިޝަންގައި ގޮވާލާފައި ވެއެވެ.

މީގެ އިތުރުން ވެސް ފްލެޓް ލިބިފައިވާ މީހުން އަންނަނީ އެމީހުންގެ އިތުރު ޝަކުވާތައް ހިއްސާ ކުރަމުންނެވެ. ކޮވިޑްގެ ސަބަބުން އިގްތިސޯދަށް އައި ލޮޅުމާއެކު މިހާރު ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ފްލެޓް ލިބުން ވެގެން ދާނީ އެތައް އާއިލާއަކަށް ލިބޭނެ ވަރަށް ބޮޑު ހޮތްހަމަޖެހުމެއް ކަމުގައި އެއް ބަޔަކު ބުނެއެވެ. އަދި ކޮވިޑް ބަލި ފެތުރެމުންދާ އިރު ތޮއް ޖެހުން ކުޑަަކުރުމަށް ވެސް އަވަހަށް ފްލެޓްތައް ދިނުމަކީ ހައްލެއްގެ ގޮތުގައި ދެކޭ ބައެއް މީހުން ވެސް އުޅެއެވެ.