2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ތެރެއިން އުފެދޭ ވޭރިއަންޓްތަކަށް ނަން ދޭނެ ހާއްސަ ނިޒާމެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެކުލަވާލައިފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުން އާ ވޭރިއަންޓްތައް ފެންނަން ފަށާފައިވާއިރު އެންމެ ގަދައަށް ފެތުރިގެން ދިޔަ ޔޫކޭ، ސައުތު އެފްރިކާ އަދި އިންޑިއާ ވޭރިއަންޓަށް ނަން ދިނުމަށް ޑަބްލިއުއެޗްއޯއިން ބޭނުން ކޮށްފައި ވަނީ ގްރީކް ބަހުގެ އަކުރު ނިޒާމެވެ.
އެގޮތުން ޔޫކޭ ވޭރިއަންޓަށް "އަލްފާ"، ސައުތު އެފްރިކާ ވޭރިއަންޓަށް "ބީޓާ" ގެ ނަމުން ނަން ދީފައި ވާއިރު، އިންޑިއާ ވޭރިއަންޓަށް ދީފައި ވާ ނަމަކީ "ޑެލްޓާ" އެވެ.
ޑަބްލިއުއެޗްއޯއިން ބުނީ މިފަދަ ނިންމުމެއް ނިންމާފައި ވަނީ ވޭރިއަންޓްތަކުގެ ވާހަކަ ދައްކާއިރު ލުއިފަސޭހަކަން ހޯދުމުގެ އިތުރުން، ވޭރިއަންޓްތަކާ ގުޅިގެން އުފެދޭ، ނޭދެވޭ ބައެއް ގަބޫލު ކުރުންތައް ނައްތާލުމަށް ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއިން ފެނުނު B.1.617.2 ވޭރިއަންޓަށް "އިންޑިއާ ވޭރިއަންޓް"ގެ ގޮތުގައި މުހާތަބު ކުރަމުން ދިއުމާ ގުޅިގެން، މިމަހު ކުރީކޮޅު، އިންޑިއާ ސަރުކާރުން ވަނީ ނުރުހުން ފާޅު ކޮށްފައެވެ.
ޑަބްލިއުއެޗްއޯގެ ޓެކްނިނަލް ހެޑް، މާރިއާ ވެން ކަރްކޯފްވެސް ވަނީ، ވޭރިއަންޓްތަކުގެ ވާހަކަ ދައްކާއިރު، ވަކި ގައުމެއްގެ ނަމަކަށް އުނިކަން ލިބޭފަދަ ކަންކަމުން ދުރުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ގްރީކް ބަހުގައި ހިމެނޭ 24 އަކުރަށް ވުރެ ވޭރިއަންޓްތައް އިތުރުވެއްޖެ ނަމަ، ވޭރިއަންޓްތަކަށް ނަން ދޭނެ އާ ކަން މިހެން އޮތް ނަމަވެސް ވޭރިއަންޓްތަކަށް ދީފައިވާ ފަންނީ ނަންތައް ބަދަލު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ނަން ދިނުމުގައިވެސް ވަކި ގައުމެއް ނުވަތަ ވަކި ދިރޭ އެއްޗެއްގެ ނަމަށް އުނިކަން ނާންނަ ގޮތަށް ނަން ދިނުމަށް ޑަބްލިއުއެޗްއޯއިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.