ކޮވިޑުން ރައްކާތެރިވުމަށް މިހާރު ހެމްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވުމުން 913 ފަރާތެއް ޖޫރިމަނާ ކޮށްފިއެވެ.

އެޗްއީއޯސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ފުލުހުންނާއި އެމްއެންޑީއެފް އިން މާލެ ސަރަހައްދުގައި ހިންގާ އިންސްޕެކްޝަންގެ ތެރެއިން މާސްކް ނާޅާ އުޅުނު 208 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ކާފިއު ހިންގާ ވަގުތުތަކުގައި ހުއްދައާ ނުލައި ބޭރުގައި އުޅެގެން 631 މީހަކު ޖޫރިމަނާ ކޮށްފައި ވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ސެލޫން، ޖިމްތަކުގެ އިތުރު ފިހާރަ ފަދަ ވިޔަފާރި ކުރާ ތަންތަނުގައި އަމަލު ކުރަން އެޗްޕީއޭ އިން އަންގާފައިވާ އުސޫލުތަކާ ހިލާފުވެގެން 74 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. މި 74 ފަރާތުގެ ތެރޭގައި ހިދުމަތް ދީފައިވާ ތަންތަނާއި އެތަނުން ހިދުމަތް ހޯދި މީހުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާފިއު ވަގުތުގައި ބޭރުގައި އުޅޭ އިރު މާސްކް ނާޅާ އުޅުމާއި ކާފިއު ހިންގާ ވަގުތު ހުއްދައެއް ނެތި ބޭރުގައި އުޅޭ ނަމަ ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށް ފުލުހުން ބުނެއެވެ. އަދި ކާފިއު ވަގުތު ގައި ފިހާރަތަކަށް އާންމުން ވައްދައިގެން ހިދުމަތް ދޭ ނަމަ އެ ތަނެއް 5000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ނިންމާފައެވެ.