އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބައެއް ބާވަތްތައް ޖޫން މަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު ނެރުއްވި ގަރާރުގައި ހިމެނޭ ބައެއް ތަކެތި މަނާ ކުރާ ތާރީހަށް އަމަލު ކުރުން ފަސްކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޖޫން އެކެއްގެ ފަހުން ރާއްޖެއަށް ގެންނަ ޝިޕްމަންޓެއްނަމަ، އެ މުދަލެއްގެ ބިލް އޮފް ލެޑިން ނުވަތަ އެއާވޭ ބިލް، ޖޫން އެކެއްގެެ ގެ ކުރިން ދޫކޮށްފައިވާނަމަ، މުދާ އެތެރެކުރުމަށް ކަސްޓަމްސް އިން ފުރުސަތު ދޭނެ ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި ގިނަގުނަ ދަތިތަކެއް ހުރުމާއެކު، ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައިކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ

އެ ތާރީހު ފަސްކުރަން ނިންމާފައި ވާއިރު، އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ގެނެއި ބަދަލު ގެނެސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހެވެ.

އެގޮތުން ރާއްޖެއަށް އެތެރެކުރުން މަނާވާ އަދި އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކުގެ 12 ބާވަތެއް ވަނީ ހިމަނާފައެވެ.

ޖޫން 2021 އިން ފެށިގެން މަނާވާ ޕްލާސްޓިކް:

  • ދިޔާ ތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި، ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
  • ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)

މީގެ އިތުރުން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މަނާކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފައެވެ. ބިލުގައި ބުނެފައިވަނީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހިގެ ތެރެއިން، ރައީސް ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.