ރާއްޖެއިން މިއަދު 780 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރެއިން 571 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުން ކަމަށެވެ. އެއާއެކު މީހުން ދިރިއުޅޭ ރަށްރަށުން 205 މީހަކާއި މިވަގުތު ހިންގަމުން ނުދާ ރިސޯޓުތަކުން 4 މީހަކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 24،205 އަށް އަރާފައެވެ. އަދި ކޮވިޑް ޖެހުނު 63،686 މީހުންގެ ތެރެއިން 39،314 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 158 އަށް އަރާފައެވެ.

މޭ 26 އިން ފެށިގެން ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4 އިން ފެށިގެން ހެނދުނު 8 އަށް ކާފިއު ހިންގަން ވަނީ ފަށާފައެވެ. ހަމައެއާއެކު ކާފިއު ނޫން ވަގުތު ތަކުގައި ވސް ބޭރަށް މީހުން ނުކުމެ އުޅުމުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ގޮތުން ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރަން ނިންމާފައިވާއިރު އެއިން ފާހެއް އޮވެގެން މެނުވީ ބޭރަަކަށް ނުނިކުމެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

އަދި މި ނިންމުން ތަންފީޒު ކުރާ އިރު މާލެ ސަރަަހައްދު ދެ ޒޯނަކަށް ބާހާލައިގެން މޫވްމަންޓް ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަަޖައްސާފައެވެ. އެ ގޮތުން އެއް ޒޯނަކީ ހުޅުމާލެއެވެ. އަނެއް ޒޯނަކީ މާލެއާއި ވިލިމާލެއެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް މާލެއަށް ނޭރޭނެއެވެ. އަދި މާލެއާއި ވިލިމާލޭގައި އުޅޭ މީހަކަށް ހުޅުމާލެއަށް ނޭރޭނެއެވެ.