ޖޫން 1، 2021 އިން ފެށިގެން އެމްޑަބްލިޔުއެސްސީގެ ވަޒީފާތަކަށް އެދި ހުށައެޅޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީ ބުނީ އޮންލައިން އެޕްލިކޭޝަން މިލިންކްގައިވާ ފޯމް ފުރުމަށްފަހު އޮންލައިންކޮށް ވަޒީފާ ތަކަށް އެދި ހުށައެޅޭނެ ކަމަށެވެ.

އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭގޮތް ހަމަޖައްސާފައި ވަނީ، ކުންފުނީގެ އޮންލައިން ހިދުމަތްތަކާއި އަދި ޑިޖިޓަލައިޒޭޝަން ޕްރޮސެސް އިތުރަށް ފުޅާކޮށް، ހަރުދަނާކޮށް، ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ތިމާވެއްޓާ ރައްޓެހި، އަދި ރައްޔިތުންނާއި ވީހާވެސް ގާތުން ލުއިފަސޭހަގޮތެއްގައި، ވަޒީފާއަށް އެދި ހުށައެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ

އެގޮތުން، އޮންލައިންކޮށް، ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއި އެކު ވަޒީފާއަށް އެދި ހުށައެޅޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެމްޑަބްލިޔުއެސްސީ ބުނީ މިފަދައިން އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭގޮތް ހަމަޖެހިގެންދިޔުމުން، ވަޒީފާއަށް އެދި ހުށައެޅުމާއި ވަޒީފާއަށް މީހުން ހޮވުމުގެ މަރުހަލާތަކުގައި ކަރުދާސް ބޭނުންކުރެވޭ މިންވަރު ދައްވެ، ތިމާވެއްޓަށް ހެޔޮ އަސަރުތަކެއް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ދެކޭ ކަމަށެވެ.

އެމްޑަބްލިޔުއެސްސީ ވަނީ އަންނަ މަހުން ފެށިގެން ހުރިހާ ފަރާތްތަކުންވެސް އެމްޑަބްލިޔުއެސްސީގެ ވަޒީފާތަކަށް އޮންލައިންކޮށް ހުށައެޅުމަށް އެދިފައެވެ. އަދި ހަމަ އެހެންމެ، ކޮވިޑް-19 ގެ މިހާލަތުގައި، ހިދުމަތްތައް ހޯދުމުގައި އެކުންފުނީގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުމަށް ވެސް އެމްޑަބްލިޔުއެސްސީން ވަނީ އެދިފައެވެ.