ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން ހައިރިސްކް ކެޓަގަރީން ގިނައިން ޕޮޒިޓިވް ވަނީ ހަކުރު ބައްޔަށް ބޭސްކުރާ މީހުންނާއި ލޭ މައްޗަށް ދާ މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިހާރު އެޗްއީއޯސީން ބާއްވަމުން ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާލުވީ، މި ވަގުތު ބަލި ޖެހޭ މީހުން އިތުރުވަމުން އަންނަ އިރު ހައި ރިސްކް ބަލި ތަކަށް ފަރުވާ ދޭ މީހުން ވެސް އަންނަނީ އިތުރުވަމުން ކަމަށެވެ. އެ ގޮތުން އެ ފަދަ ހައިރިސްކް މީހުންގެ ތެރެއިން ކޮވިޑް ޖެހިފައިވާ މީހުންނަށް ބަލާއިރު އެންމެ ގިނައީ ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނާއި ލޭ މައްޗަށް ދާތީ އެ ބައްޔަސް ފަރުވާ ހޯދާ މީހުން ކަމަށެވެ.

އެގޮތުން މިހާތަނަށް ލޭ މައްޗަށް ދާ މީހުންގެ ތެރެއިން 1496 މީހަކާއި ހަކުރު ބައްޔަށް ފަރުވާ ހޯދާ 1365 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށް އެޗްޕީއޭގެ ރެކޯޑްތަކުން ދައްކައެވެ. މީގެ އިތުރުން ހިތުގެ ބައްޔަށް ފަރުވާ ހޯދާ 905 މީހަކާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ 251 މިހަކާއި ކޮލެސްޓްރޯލް ހުންނަ 165 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާލުވީ، ކޮވިޑަށް އެންމެ ގިނައިން މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން ކަމަށާއި އަދި ދެވަނަ ފަހަރަށް މި ބަލި ޖެހޭ އާބާދީއަށް ބަލާއިރު ވެސް އެންމެ ގިނައިން ޕޮޒިޓިވްވާ މީހުން ފެންނަނީ އެ އުމުރުފުރާއިން ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވާ މީހުންގެ ނިސްބަތުން ބަލާއިރު އެންމެ ގިނައިން ކޮވިޑް ޖެހޭ ތަން ފެންނަނީ ފިރިހެނުން ކަމަށް އަފްޒަލް ވިދާޅުވިއެވެ.

މިވަގުތު ކޮވިޑް ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނަ އިރު މިވަގުތަކީ އެންމެ ގިނައިން މި ބަލީ ޖެހެ އާބާދީގެ މީހުން ސަމާލުވާން ޖެހޭ ވަގުތު ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެ ގޮތުން އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށާއި ހާއްސަ ސަމާލުކަމެއް ދީގެން އުޅުމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.