ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓިގައި އެޑްމިޓް ކޮށްފައި އޮތް 84 އަހަރުގެ ދިވެހި ފިރެހެނެކެވެ. އެ މީހާ މަރުވެފައި ވަނީ ރޭ 11:38 ހާއިރު ކަމަށް އެޗްޕީއޭން ބުނެއެވެ.
މިއީ ކޮވިޑުގައި މިދިޔަ 24 ގަޑިއިރު ތެރޭ މަރުވި ފަސް ވަނަ މީހާއެވެ. އިއްޔެ ފުރަތަމަ މަރުވެފައި ވަނީ 54 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ރޭ ދަންވަރު 02:15 ގައެވެ.
އިއްޔެގެ ދެވަނަ އަށް މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 47 މީހެކެވެ. އެއީ އިއްޔެ ފަތިހު 05:55 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެގެ ތިން ވަނައަށް މަރުވެފައި ވަނީ ޑީއެޗް11ގައި އެޑްމިޓް ކޮށްފައި އޮތް 69 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ އިއްޔެ ހެނދުނު 10:53އެވެ.
އިއްޔެ ހަވީރުވެސް ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓިގައި އެޑްމިޓް ކޮށްފައި އޮތް 61 އަހަރުގެ ދިވެހި ފިރެހެނެކު މަރުވެފައެވެ. އެއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 156 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގަ އެވެ. ބަލި ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވެސް 24،000 އަށް ވުރެ ގިނައެވެ.