ސްޓޫޑަންޓް ލޯން އަދި ހައުސިން ލޯނަށް ލުއި ދޭން މަޝްވަރާ ކުރައްވާނެ ކަމަށާ ނަމަވެސް މިހާތަނަށް އެކަމަށް ނިންމުމެއް އަދި ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކިޔަވާ ކުދިންގެ ލޯނުތަކަށް ލުއި ދިނުމާމެދު މަޝްވަރާ ކުރައްވާނެ ކަމަށާއި ހައުސިން ލޯނަށް ލުއި ދިނުމާމެދު މިވަގުތު ގޮތެއް ނިންމާފައި ނުވިނަމަވެސް އެކަމުގައި ދެވޭނެ ލުއިތަކެއް އޮތްތޯ ބައްލަވާނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޑްގެ މި ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށް ދިނުމަށް 375 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ އަންނަ މަހުން ފެށިގެން ގޭބީސީތަކުގެ ފެން ބިލުން 30 ޕަސެންޓް ޑިސްކައުންޓް އަދި ވިޔަފާރި ކުރާ ތަންތަނުގެ ފެންބިލުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައެވެ. އަދި ގޭބެސީތަކުގެ ކަރަންޓް ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓެއް، ވިޔަފާރިތަކުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މި ޑިސްކައުންޓްތައް އަދި ދޭން ނިންމާފައި ވަނީ އަންނަ މަހު އެކަނި ކަމަށް ވީ ނަމަވެސް ހާލަތަށް ބަލައި އެކަމަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.