ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާއެކު މާލެ އިން މަހަށް ފުރާ ފަރާތްތަކަށް ހުއްދަ ދިނުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން އެޗްޕީއޭއިން ނެރެފައިވާ ހާއްސަ ހާލަތާއި ގުޅިގެން މާލެ ސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާރްތަކުން ހުއްދައަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެ ހުއްދަ ދޫކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ސިޓީ ކައުންސިލްގެ ވެބުސައިޓް ގައި އެކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް އެއް މެދުވެރިކޮށެވެ.

ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު ބަންދު ކުރިއިރު އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް އެއްކޮށް ހުއްޓުނު ނަމަވެސް ރާއްޖެއަށް ބޭރު ފައިސާ ވައްދަމުން ގޮސްފައި ވަނީ އެ ސިނާއަތުގެ މަސްވެރިންނެވެ.

މިއަދުން ފެށިގެން ކޮވިޑުން ރައްކާތެރި ވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4 އިން ފެށިގެން ހެނދުނު 8 އަށް ކާފިއު ހިންގަން ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ކާފިއު ނޫން ވަގުތު ތަކުގައި ވެސް ބޭރަށް މީހުން ނުކުމެ އުޅުމުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ގޮތުން ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރަން ނިންމާފައި ވާއިރު އެއިން ފާހެއް އޮވެގެން މެނުވީ ބޭރަަކަށް ނުނިކުމެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

އަދި މި ނިންމުން ތަންފީޒު ކުރާ އިރު މާލެ ސަރަަހައްދު ދެ ޒޯނަކަށް ބާހާލައިގެން މޫވްމަންޓް ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަަޖައްސާފައެވެ. އެ ގޮތުން އެއް ޒޯނަކީ ހުޅުމާލެއެވެ. އަނެއް ޒޯނަކީ މާލެއާއި ވިލިމާލެއެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް މާލެއަށް ނޭރޭނެއެވެ. އަދި މާލެއާއި ވިލިމާލޭގައި އުޅޭ މީހަކަށް ހުޅުމާލެއަށް ނޭރޭނެއެވެ