ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އަނެއްކާވެސް ސްޓިމުލަސް ޕެކޭޖްތަކެއް ދޭން ނިންމައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސްޓިމުލަސް އިކޮނޮމިކް ޕެކޭޖެއްގެ ގޮތުގައި ލޯނުތަކެއް ދިނުމަށް ނިންމާފައި ވާ ކަމަށެވެ. އެ ގޮތުން ޖޫން މަހުގެ ތެރޭގައި މިކަން ފެށިގެން ދާނެ ކަމަށް އެމަކުފާނު ވިދާޅުވިއެވެ. ގާތްގަނޑަކަށް 375 މިލިއަން ރުފިޔާއަށް ވާ 20 މިލިއަން ޔޫރޯ މިކަމަށް ދަނީ ހަމަޖެހެމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް ކުދި ވިޔަފާރިތަަކަށް ހާއްސަކޮށްގެން ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި ސޮފްޓް ލޯންތަކެއް ދޭން ވަރަށް އަވަހަށް ފަށޭނެ ކަމަށެވެ. އޭގެތެރޭގައި ކެފޭ އާއި ރެސްޓޯރަންޓް، ޖިމް އާއި ސެލޫން އަދި ވޯކްޝޮޕްތައް ހިންގާ ކުދި ވިޔަފާރިތައް ހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ އަހަރުވެސް ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވެ އިގްތިސޯދު ހުއްޓުމަކަށް އަޔަ ނުދިނުމަށް ވަނީ ސްޓިމުލަސް ޕެކޭޖެއްގެ ތެރެއިން ލޯން ދޫކޮށްފައެވެ. އެ ޕެކޭޖުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ވެސް ލޯން ދީފައެވެ.

މިހާރު އަނެއްކާވެސް ރާއްޖޭގައި މިވަނީ ކޭސްތައް އިތުރުވެ ގޭގައި މަސައްކަތް ކުރަން ޖެހޭ ގޮތަށް ހާލަަތު ބަދަލުވެފައެވެ. މާދަމާއިން ފެށިގެން ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4 އިން ފެށިގެން ހެނދުނު 8 އަށް ކާފިއު ހިންގަން ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ކާފިއު ނޫން ވަގުތު ތަކުގައި ވސް ބޭރަށް މީހުން ނުކުމެ އުޅުމުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ގޮތުން ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޫކުރަން ނިންމާފައިވާއިރު އެއިން ފާހެއް އޮވެގެން މެނުވީ ބޭރަަކަށް ނުނިކުމެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

އަދި މި ނިންމުން ތަންފީޒު ކުރާ އިރު މާލެ ސަރަަހައްދު ދެ ޒޯނަކަށް ބާހާލައިގެން މޫވްމަންޓް ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަަޖައްސާފައެވެ. އެ ގޮތުން އެއް ޒޯނަކީ ހުޅުމާލެއެވެ. އަނެއް ޒޯނަކީ މާލެއާއި ވިލިމާލެއެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް މާލެއަށް ނޭރޭނެއެވެ. އަދި މާލެއާއި ވިލިމާލޭގައި އުޅޭ މީހަކަށް ހުޅުމާލެއަށް ނޭރޭނެއެވެ.