ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 10:00 ގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމާފައި މިވަނީ ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކަކަށް ފަހުގައެވެ. އަދި ކޮވިޑްގެ ހާލަތު މިހާ ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އާންމުން އަންނަނީ ރައީސް ސޯލިހް ރައްޔިތުންނާ ބައްދަލު ނުކުރައްވާތީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ނޫސްވެރިންގެ މި ބައްދަލްވުމުގައި ކޮވިޑުން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އަދި މާދަމާއިން ފެށިގެން ތަންފީޒު ކުރާ އާ ފިޔަވަޅުތަކާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަ ދައްކަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވެއެވެ.

އެންމެ ފަހުން ރައީސް ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައި ވަނީ މި މަހުގެ 17 ދުވަހު އާ ކައުންސިލަރުން ހުވާ ކުރުމުން އެކަމުގެ މުނާސަބަތުގައެވެ.

މިހާރު ކޮވިޑްގެ ހާލަތަށް ބަލާއިރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އަންނަނީ 1000 އިން މަތިން ރިޕޯޓ ކުރަމުންނެވެ. އިއްޔެވެސް ވަނީ 1417 މީހަކަށް މި ބަލި ޖެހިފައެވެ. އަދި އެންމެ ގިނަ މީހުން މި ބަލީގައި މަރުވި ދުވަހެއްގެ ގޮތުގައި ވެސް ރިޕޯޓު ކުރި ދުވަހަކީ އިއްޔެއެވެ. އިއްޔެ ވަނީ މި ބަލީގައި 13 މީހަކު މަރުވެފައެވެ.

މިރޭ ރައިސް ގައުމާ މުހާތަބް ކުރައްވާއިރު މާދަމާއިން ފެށިގެން ކޮވިޑްގެ އާ ފިޔަވަޅުތަކަށް އަމަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން މާލެ ސަރަހައްދުއި ވަނީ 16 ގަޑިއިރުގެ ކާފިއު އެއް ހިންގަން ނިންމާފައެވެ. އަދި ކާފިއު ނޫން ވަގުތު ތަކުގައި ވެސް ފާހަކާ ނުލައި ބޭރުގައި ނޫޅެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.