މާލޭ ސަރަހައްދުގައި އަމިއްލަ އޮފީސްތަކަށް ވަޒީފާއަށްދާ ފަރާތްތަކުން މާދަމާއިން ފެށިގެން ބޭރަށް ނުކުތުމަށް ހުއްދަ ނަގަން ޖެހޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ އަމިއްލަ އޮފީސްތަކުގެ ތެރެއިން، ކޮންމެހެންވެސް އޮފީހަށް ނެރެންޖެހޭ މުވައްޒަފުން ނެރުމުގެ ހުއްދައަށް އެދި އެ އޮފީސްތަކުން ހުށައަޅަންޖެހޭނީ އިކޮނޮމިކް މިނިސްޓްރީއަށްކަމަށެވެ. އޭރުން އެ މިނިސްޓްރީން ފުލުހުންނާއި ގުޅިގެން އެއީ ހުއްދަ ދޭން ޖެހޭ ކަމެއްތޯ އެފަރާތްތަކުން ނިންމާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނާއި އެއާޕޯޓުގައި މަސައްކަތްކުރާ ފަރާތްތަކުން، މިހާރުގެވެސް އުސޫލުން ޔުނީފޯމް ލައިގެން އޮފީހުގެ ރަސްމީ ފާހާއެކު ޑިއުޓީއަށް ހާޒިރުވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. މިކަންކަމުގެ އިތުރުން ކުއްލި ގޮތަކަށް އޮފީހަށް ދާންޖެހޭ މުވައްޒަފުން ފުލުހުންގެ ހުއްދައަށް އެދިގެން އެކަން ކުރެވޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޮފީސްތަކަށް މަސައްކަތަށް ނުކުންނަ މީހުން ހާއްސަ ހުއްދައެއް ނެގުމަށް އެދިފައި ވާއިރު ސަރުކާރު އޮފީސްތައް ނުހުޅުވައި ގޭގައި މަސައްކަތް ކުރާގޮތަށް ނިންމި ނިންމުންވެސް މިއަދު ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލާފައެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި މާދަމާ އިން ފެށިގެން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގަން ނިންމާ އެނޫން ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. މިގޮތަށް ބޭރަށް ނިކުތުމަށްވެސް ކޮންމެ ގެއަކަށް ދެ ހުއްދަ ފުލުހުން ދޫކުރާނެ އެވެ.

މިއާއެކު އަމިއްލަ އޮފީސްތަކުންވެސް ވީވަރަކުން މުވައްޒަފުން އޮފީހަށް ނުނެރެ ގޭގައި ބައިތިއްބައިގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޕީއޭ އިން ބާރު އަޅައެވެ.