ރާއްޖޭގައި މިވަގުތު ސިއްހީ ނިޒާމަށް ބޭނުންވާ ވަރަށް އޮކްސިޖަން އުފެއްދޭނެ ކަމުގެ ޔަގީންކަން ސިއްހީ މާހިރުން ދެއްވާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައިސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، 8 އޮކްސިޖަން ޕްލާންޓް ހުރި ކަމަށާއި އެއިން ސިއްހީ ނިޒާމަށް ބޭނުންވާ ވަރަށް އޮކްސިޖަން އުފެއްދޭނެ ކަމަށެވެ.

އެގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ގާއިމު ކޮށްފައި ހުރި ޕްލާންޓަކީ، ދުވާލަކަށް 20 ޖަމްބޯ ސިލިންޑަރު ފުރާލެވޭ ވަރުގެ ގާބިލްކަން ހުރި ޕްލާންޓެކެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮކްސިޖަން ޕްލާންޓުން މިހާރުވެސް އެނދުތަކަށް އޮކްސިޖަން ފޯރު ކޮށްދޭ ކަމަށާއި، ފުޅިއަށް އެޅުމަށް ބޭނުންވާ ބޫސްޓާ ޕަމްޕް މިހާރު އެ ސިޓީއަށް ފޮނުވާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ޕްލާންޓުން ވެސް ދުވާލަކަށް 48 ޖަމްބޯ ސިލިންޑަރު ފުރޭނެއެވެ.

މީގެ އިތުރުން މޯލްޑިވް ގޭސްގައި މިހާރު ހުރި ދެ ޕްލާންޓަކީ ދުވާލަކަށް 240 ޖަމްބޯ ސިލިންޑަރު ފުރޭ ވަރުގެ 2 ޕްލާންޓް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އޮކްސިޖަން ޕްލާންޓްތައް:

  • އައިޖީއެމްއެޗް - 1 ޕްލާންޓް
  • ޑީއެޗް-11 - 2 ޕްލާންޓް
  • މޯލްޑިވްގޭސް - 3 ޕްލާންޓް
  • ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް - 1 ޕްލާންޓް
  • އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލް - 1 ޕްލާންޓް

އޭގެ ތެރެއިން ޑީއެޗް-11 ގެ އެއް ޕްލާންޓާއި، މޯލްޑިވްގޭސްގެ އެއް ޕްލާންޓް ފިޔަވައި އެހެން ހުރިހާ ޕްލާންޓްތައް ހިންގަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަންނަ ހުކުރު ދުވަހު މޯލްޑިވްގޭސްގެ ޕްލާންޓް ވެސް ހިންގަން ފަށާނެ ކަމަށާއި އެއީ ދުވާލަކަށް 160 ޖަމްބޯ ސިލިންޑަރު ފުރާލެވޭ ވަރުގެ ގާބިލްކަން ހުރި ޕްލާންޓެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.