މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބައެއް ބިންތަކާއި މާރުކޭޓުގެ ބައެއް ގޮޅިތަކާއި ފައްތިޔާތަކުގެ ކުލި ކުޑަ ކޮށްފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީގައި ކުއްޔަށް ދީފައިވާ ބިންތަކާއި ފައްތިޔާ ތަކާއި މާލޭގައި ހުރި ދެ މާރުކޭޓް ގޮޅިތަކަކީ ވެސް މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ގޮޅިތަކެއް ކަމަށެވެ.

އެ ހުރިހާ ތަނަކުން ކުއްޔަށް މިހާރު ނަގަމުންދާ އަދަދުން 30 ޕަސެންޓް ކުޑަ ކުރަން ސިޓީ ކައުންސިލުން ނިންމާ އެކަމަށް މިއަދުން ފެށިގެން އަލަމު ކުރާނެ ކަމަށް ރޭ މޭޔަރު ވިދާޅުވިއެވެ. ކައުންސިލުން އެގޮތަށް ނިންމީ، ކޮވިދްގެ މިހާލަތުގައި އާންމު ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.

މީގެ އިތުރުން ނިންމި އަނެއް ކަމަކީ ޕްރައިވެޓް ކާރުގެ ޕާކިން ފީ 3000ރ އިން 1000ރ އަށް ޕެންޑަމިކްގެ މިހާލަތު ނިމެންދެން ކުޑަ ކުރުމާއި، ޕެންޑަމިކްގެ ހާލަތު ނިމުމުން ފީ 1500ރ އަށް ޖެއްސުމަށެވެ.

މީގެ އިތުރުންވެސް ކައުންސިލުން ގިނަ ކަންކަން ނިންމި؛

  • ލޯކަލް މާރުކޭޓު ސަރަހައްދުގައި މަސްވެރިންނަށް ހަދާފައި ހުރި ގޮޅިތައް އަލުން އިއުލާންކޮށް ކުއްޔަށް ދޫކުރުން
  • މަސް މާރުކޭޓާ ބެހޭ ގަވާއިދު ހަދާ ތަންފީޒުކުރުން
  • މަސް މާރުކޭޓުގެ ކަންކަން ބެލުމަށް އިތުރު ސުޕަވައިޒަރުން ހަމަޖެއްސުން
  • ލޯކަލް މާރުކޭޓުގެ އެއްކޮޅުން އަނެއްކޮޅަށް، މާރުކޭޓުގެ މެދުން، ދެކުނުން އުތުރަށް ޕާތްވޭ އެއް ހެދުން
  • ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ފްރިޖް ބެހެއްޓުމުގެ ހުއްދަ ދިނުން
  • އެފްރިޖްގައި ވިއްކޭނޭ ތަކެތި ގަވާއިދުގައި ބަޔާންކުރުން
  • ކަރަންޓު ބިލު އެފަރާތުން ދައްކާގޮތަށް، ނޫނީ ވަކި އަދަދެއް އެއަށް ނަގާގޮތަށް
  • ލޯކަލް މާރުކޭޓުގެ ހުޅަނގު ފަރާތުން ވާރޭ ވިއްސާ މައްސަލަ ހައްލުކޮށްދިނުން
  • ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި 2 ފާހަނާ ހަދައިދިނުން (2 މަސް ދުވަހުގެ މުހުލަތެއް ދީ، އިސްލާގް ނުކޮށްފިނަމަ، ބިދޭސީން ސޭޓުންގެ ގޮތުގައި ބައިތިއްބާ ގޮޅިތަކުގެ އެގްރީމެންޓް ބާތިލުކުރުން)
  • ލޯކަލް މާރުކޭޓުގައި ގޮޅި ކުއްޔަށް ނެގި ފަރާތުން އެހެން ފަރާތަކަށް ކުއްޔަށްދީފައި ހުންނަ ގޮޅިތައް ފާހަގަކޮށް، 2 މަސް ދުވަހުގެ މުހުލަތެއް ދީ، އެގްރީމެންޓާއި ހިލާފުވެފައިވާ ފަރާތްތަކުގެ އެގްރީމެންޓް ބާތިލުކޮށް އެ ގޮޅިތައް އަލުން އިއުލާންކުރުން

މީގެ އިތުރުން ކޮވިޑް-19 ރާއްޖޭގައި ހަލުވި ކަމާއެކު ފަތުރެމުންދާ މި ދަނޑިވަޅުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން، އުމުރުން ދުވަސްވީ މީހުންނާއި ހައިރިސްކް މީހުންގެ ލިސްޓް ކައުންސިލާ ހިއްސާކޮށްފައި ވާތީ، އެ ފަރާތަކުން އެދިފައިވާ ގޮތަށް ކައުންސިލުން މަސައްކަތް ކޮށްގެން އެޗްޕީއޭން ދީފައިވާ ލިސްޓުގައި ތިބި ފަރާތްތަކަށް ގުޅުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރުން ވެސް ހިމެނެއެވެ.