ކޮވިޑް-19 އާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެންނަ ހުރިހާ ރަށެއްގައި ކާފިއު ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރުނު އެންގުމުގައި ބުނީ، ކޮވިޑު ފެތުރުން ހުއްޓުވުމަށްޓަކައި، މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ވަކި ގޮތެއް އަންގަންދެން މާދަމާއިން ފެށިގެން ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެގޮތުން މޮނިޓަރިން އަށް ގެންދާ ރަށްރަށުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވުން ހިމެނެއެވެ. ނަމަވެސް ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި އެ ފިޔަވަޅު އަޅާ ވަގުތަށް ބަދަލުގެނެވޭނެ ކަމަށް އެ އެންގުމުގައިވެއެވެ.

މާދަމާ އިން ފެށިގެން، މޮނިޓަރިންގް ހާލަތުގައިވާ ރަށްތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން މަނާވުމާއި ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކޮށް، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލަން ވެސް ވަނީ އަންގައިފައެވެ.

ހަމައެއާ އެކު، ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުތުން މަނާކޮށް، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި ފިހާރަތަކުން ހިދުމަތް ދޭއިރު، އެޗްޕީއޭން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓާލަންވެސް ވަނީ އަންގައިފައެވެ.

އޭގެ އިތުރަށް، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ހުއްޓައިލުމަށް ވަނީ އަންގައިފައެވެ. މޮނިޓަރިން އަށް ގެންދާ ރަށްތަކުގައި ފިޔަވަޅުތައް ވަރުގަދަކުރަން ނިންމި އިރު، މިހާރު ވެސް މީހުން ދިރިއުޅޭ 74 ރަށް އޮތީ މޮނިޓަރިންގައެވެ.