ކޮވިޑް-19 އިން ރައްކާތެރިވުމަށް އަތޮޅުތެރޭގެ 8 ރަށެއްގައި ކާފިއު އިއުލާނުކޮށްފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުނު އެންގުމުގައި ބުނީ ވަކި ގޮތެއް އަންގަންދެން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ.ގަމު، ގދ. ތިނަދޫ، ގއ. ދާންދޫ، އދ. މާމިގިލި، ފ.ނިލަންދޫ އަދި ފ.ފީއަލީގައި ކާފިއު އިއުލާނުކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން މިރަށްރަށުގައި ކާފިއު އިއުލާން ކޮށްފައި ވަނީ ހަވީރު 4:00 އަކުން ފަތިހު 4:00 އަކަށެވެ.

މި ވަގުތުގައި ޕޮލިހުންގެ ހުއްދައާއެކު ޑެލިވަރީގެ ހިދުމަތް ދެވޭނެކަމަށާއި އެ ރަށްރަށުގައި ކާފިއު އިއުލާނުކޮށްފައިވާ ވަގުތު ސިފައިންނާއި ފުލުހުން އަދި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުތަކާއި އެމްބިއުލަންސް އަދި ރަށްރަށުގެ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތައް އިސްތިސްނާވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ޖުމްލަ 74 ރަށެއް މިވަތުރު މޮނުޓަރިންގައިއޮތް އިރު މާދަމާ އިން ފެށިގެން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާން ނިންމާފައެވެ. އެގޮތުން މޮނިޓަރިންނަށް ލާ ރަށްރަށުގައި ރޭގަނޑު 9 އިން ފަތިހު 4 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމަށް ވަނީ އަންގާފައެވެ.

އައްޑޫ ސިޓީ މީދޫ މަގެއް / ފޮޓޯ: އޭއޯ ނިއުސް

ނަމަވެސް ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި މި ފިޔަވަޅު އަޅައިފައިވާ ވަގުތަށް ބަދަލުގެނެވޭނެ ކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ. އަދި ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި، ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމުގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމިއިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު އެ ބަލީގައި މި މަހު އެކަނި ވެސް ރިކޯޑު އަދަދަކަށް މީހުން މަރުވެފައިވެއެވެ.