އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު މަރުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫން މަރުވެފައި ވަނީ އުމުރުން 84 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

މިއާއެކު މި ބަލީގައި މިއަދު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އޭގެ ތެރެއިން 8 މީހުން މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއަދު ފުރަތަމަ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ރޭ ދަންވަރު 02:02 ހާއިރުއެވެ. ދެވަނަ މީހަކު މަރުވެފައި ވަނީ ދަަންވަރު 03:18 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. ތިންވަނަ މީހާ މަރުވެފައި ވަނީ މިއަދު ފަތިހު 04:25 ހާއިރުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީގެ އިތުރުން މިއަދު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކާއި 85 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ މަރުވެފައެވެ. އަދި ޅ. ހިންނަވަރު ސިއްހީ މަރުކަޒުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ފިރިހެނެއް ވެސް މިއަދު ވަނީ މަރުވެފައެވެ.

މިއަދުގެ 8 ވަނަ މަރު ވެފައި ވަނީވެސް ހުޅުމާޅެ މެޑިކަލް ފެސިލިޓީގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް މެންދުރު ފަހު 2:50 ހާއިރު އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ. މިރޭ އިރުއޮއްސި 6:48 ގައި 9 ވަނަ މަރު ވެފައި ވަނީވެސް ހުޅުމާލޭގައި 41 އަހަރުގެ މީހަކާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 86 އަހަރުގެ ޖަޕާނު ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ މިރޭ 7:53 ހާއިރެވެ.

މިއީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ. އަދި މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 67އަށް އަރާފައިވާއިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދަކީ 139 އެވެ.