އަނެއްކާ ވެސް ކޮވިޑް ޖެހި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 86 އަހަރުގެ ޖަޕާނު ފިރިހެނެއް މިރޭ 7:53 ހާއިރު މަރުވެފައިވާ ކަމަށެވެ.
މިއާއެކު މި ބަލީގައި މިއަދު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އޭގެ ތެރެއިން 8 މީހުން މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއަދު ފުރަތަމަ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެނެވުނު 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ރޭ ދަންވަރު 02:02 ހާއިރުއެވެ. ދެވަނަ މީހަކު މަރުވެފައި ވަނީ ދަަންވަރު 03:18 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. ތިންވަނަ މީހާ މަރުވެފައި ވަނީ މިއަދު ފަތިހު 04:25 ހާއިރުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ އިތުރުން މިއަދު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކާއި 85 އަހަރުގެ ދިވެހި ފިރިހެނެއްވެސް ވަނީ މަރުވެފައެވެ. އަދި ޅ. ހިންނަވަރު ސިއްހީ މަރުކަޒުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ފިރިހެނެއް ވެސް މިއަދު ވަނީ މަރުވެފައެވެ. މިއަދުގެ 8 ވަނަ މަރު ވެފައި ވަނީވެސް ހުޅުމާޅެ މެޑިކަލް ފެސިލިޓީގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް މެންދުރު ފަހު 2:50 ހާއިރު އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ. މިރޭ އިރުއޮއްސި 6:48 ގައި 9 ވަނަ މަރު ވެފައި ވަނީވެސް ހުޅުމާލޭގައި 41 އަހަރުގެ މީހަކެވެ.
މިއީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ. އަދި މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 67އަށް އަރާފައިވާއިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދަކީ 139 އެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އައިސީޔޫ އެނދާއެކު ޖުމުލަ 274 އެނދު ހުންނައިރު، އިއްޔެއާ ހަމައަށް 188 އެނދުގައި މީހުން ވަނީ އެޑްމިޓްކޮށްފައެވެ.