ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ދަނީ ދުވަހެއް ދުވަހެއް މައްޗަށެވެ. އެންމެ ފަހުން އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، ފެންނަނީ 1000 އިން 2000 އިން މީހުން ޕޮޒިޓިވް ވަމުންދާ މަންޒަރެވެ. މި ބަލީގައި މަރުވެގެން ދާ މީހުންގެ އަދަދު ވެސް އިތުރުވެ ކޮވިޑް ރާއްޖެއިން ފެނުނުތާ 443 ދުވަސްވީ އިރު، އިއްޔެއަކީ ދުވާލެއްގެ މައްޗަށް އެންމެ ގިނަ މަރު ރިޕޯޓް ކުރި ދުވަހެވެ.

އިއްޔެ ޖުމްލަ 13 މީހަކު މަރުވި އިރު، ގިނައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހުންނެވެ. އޭގެ ކުރީ ދުވަހު ވެސް މި ބަލީގައި ވަނީ 6 މީހަކު މަރުވެފައެވެ. މި ވަގުތު ކޮވިޑްގެ ހާލަތު ގޯސްވެފައި ވަނީ ހަމައެކަނި ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދިއުމަކުން ނޫނެވެ. މި ބަލީގައި ބޮޑުވަރުގެ އެޑްމިޓް ކުރާ މީހުން އިތުރުވުމާއި ގިނަ ބަޔަކު ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ހާލަތު ގޯސްވެއްޖެ ކަމުގެ ހެކިތަކެވެ.

ލޮކްޑައުން އެއް ނޫން، އެކަމަކު އެންމެން ގޭ ބަންދަށް!

ރޯދަ މަސް ފެށިގެން އައީ ކޮވިޑުން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި ގިނަ ލުއިތަކެއް ދީގެންނެވެ. ނަމަވެސް ރޯދަ މަހުގެ މެދަކާ ހިސާބަށް ދިޔައިރު ކޭސްތައް އިތުރުވެ ރަތް ސިގްނަލް ދޭން ފެށިއެވެ. އެހެންކަމުން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ވަނީ މާލެގައި ކާފިއު ހިންގަން ފަށާފައެވެ. އޭރު އިއުލާން ކުރީ ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގާށެވެ. ނަމަވެސް އިތުރުވަމުން ދިޔަ ކޭސްތަކަށް ބަދަލެއް ނައެވެ. އެހެންކަމުން ކާފިއު ވަގުތު ވަނީ ހަވީރު 4 އިން ފަތިހު 4 އަށް އިތުރު ކޮށްފައެވެ.

ކޮވިޑާ ގުޅިގެން ހަވީރު 4 އިން ފެށިގެން ކާފިއު ހިންގާފައި އޮތް ވަގުތު ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ / ފޮޓޯ: އައިޝަތު ޝާޒްލީން | ދަ ޕްރެސް

މި މަހު ކުރީ ކޮޅު ކޮވިޑަށް ދުވާލަކަށް ޕޮޒިޓިވްވާ ކޭސްތައް 700 އިން ރިޕޯޓް ކުރަމުން ގޮސް މިހާރު 2000 އާ ގާތްކުރަން ފެށުމުން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމީ މާދަމާ އިން ފެށިގެން ކުރިއަށް އޮތް ދެހަފްތާގެ މުއްދަތަށެވެ. ސަރުކާރުން ބުނަނީ މި ހާލަތުގައި އަދި ލޮކްޑައުން ކުރާ ގޮތަށް ނުނިންމާނެ ކަމަށެވެ. ނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކޮށް އާންމުންގެ ސިއްހަތު ރައްކާތެރި ކުރުމަށްޓަކަައި ފިޔަވަޅުތައް ވަރުގަދަ ކޮށް، ކާފިއު ހިންގާ ވަގުތު އިތުރު ކުރީ ކަމަށެވެ.

މާދަމާ އިން ފެށިގެން ކާފިއު ހިންގަން ހަމަޖައްސާފައި ވަނީ ހަވީރު 4 އިން ހެނދުނު 8 އަށެވެ. 16 ގަޑިއިރުގެ ކާފިއުއެއް ހިންގަން ނިންމި އިރު އާންމުން ނުކުމެ އުޅެވޭ ވަގުތުގައި ބޭރަށް ނުކުމެ އުޅުމުގެ އުސޫލަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކޮންމެ ގޭބިސީއަކަށް ދޫކުރާ ދެ ޕާމިޓުން ޕާމިޓެއް އޮވެގެން މެނުވީ ބޭރަށް ނުނިކުމެ ވޭނެއެވެ. މި ބަދަލާއެކު މާލޭގައި ހުންނަ މީހަކަށް ހުޅުމާލެއަކަށް ވެސް ނުދެވޭނެއެވެ.

އެޗްޕީއޭއިން މި ގޮތަށް ނިންމީ މީހުން ނުކުމެ އުޅޭ މިންވަރު މަދު ކުރުމަށެވެ. އާންމުން ނުކުމެ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ކުޑަ ކުރުމަށެވެ. މިއީ މާލެ ސަރަހައްދު "ލޮކްޑައުން" ކުރީ އޭ ނުބުނަން ކުރި ކަމެެއް ކަމަށް އެއްބަޔަކު ގަބޫލު ކުރެއެވެ. ލޮކްޑައުންއޭ ނުބުނި ކަމުގައި ވިޔަސް މި ފަހަރު އެޅި ފިޔަވަޅުތަކާއެކު މާލެ ސަރަހައްދުގައި އެންމެން މި ވަނީ ގޭ ބަންދުވާން މަޖުބޫރު ވެފައެވެ.

އެދެވޭ ނަތީޖާ ލިބޭނެ ކަމާ މެދު ޝައްކު!

ހަރުކަށި ފިޔަވަޅުތަކެއް އެޅި ކަމުގައި ވިޔަސް މިވަގުތު އެދެވޭ ނަތީޖާއެއް ލިބޭނެ ހެއްޔެވެ. މިއީ އުފެދޭ އެންމެ ބޮޑު ސުވާލެވެ. ސަބަބު ކިތަންމެހާ ވެސް ސާފެވެ. މާޒީވި ދުވަސްތަކަށް ބަލާލި ކަމުގައި ވިޔަސް، ފިޔަވަޅުތައް ވަރުގަދަ ކުރުމުން ނިކުތް ނަތީޖާ ވަރަށް ކައިރިން ވަނީ ފެނިފައެވެ.

މި އަހަރު ފެށުނު އިރު ކޭސްތައް މަތިވެގެން ދިޔުމުން ކޮވިޑް ކޮންޓްރޯލް ކުރަން މާލެ ސަރަހައްދުގައި އެތައް ފިޔަވަޅުތަކެއް އެޅިއެވެ. ބޭރުގައި އުޅޭ ވަގުތު މަނާކޮށް ކާފިއު ހިންގަން ވަގުތެއް ކަނޑައެޅުނެވެ. ހަމައެއާއެކު ދުއްވާ އެއްޗެހީގައި ނުކުންނަ މީހުން އިތުރު ވާތީ އެ މޫވްމަންޓް މަދުކުރަން ވެސް ފިޔަވަޅުތަކެއް އެޅިއެވެ. ރެސްޓޯރަންޓްތަކާއި ފިހާރަތައް ހުޅުވައިގެން ހިދުމަތް ދޭ ވަގުތު ވެސް ލިމިޓް ކުރިއެވެ.

މާލޭ ސަރަހައްދުގައި ރެސްޓޯރަންޓެއްގެ މޭޒެއްގެ ދޮށުގައި ދެމީހަކު އިށީނދެލައިގެން / ފޮޓޯ: އަހުމަދު ލީމާން

އާންމުން އަތް އުރާލައިގެން އެޗްޕީއެއިން ބުނިހާ ގޮތެއް ހަދަން "އެޅިހާ ބަތަކަށް ރިހަ" ވެގެން ނުތިއްބެވެ. އިވިގެން ދިޔައީ އެޗްޕީއޭއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކުގެ ޝަކުވާގެ އަޑެވެ. ވަޒީފާ ގެއްލި ނިކަމެތިވަމުން ދިޔަ އެތައް އާއިލާތަކެއް އާދޭހުގެ އަޑުތަކެވެ.

އެއާއެކު ހުރިހާ ކަމެއް ދަންނަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޑުތައް ގަދަވެގެން ދިޔައެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލޮލުފިޔަ ޖަހާލިޔަ ނުދީ އިސްތިއުފާއަށް ގޮވާ، އެއަށް މިޔަށް ގޮވާ މަޖިލީހަށް ހާޒިރުކޮށް ލޮކްޑައުންގެ އުސޫލުތަކަށް ބަދަލުގެންނަންދެން ޕްރެޝާ ކުރީއެވެ. ކޮވިޑެއް ނެތޭ، ރަށެއް ފަޅެއް ނުވެޔޭ ގޮވާ، ރައްޔިތުންގެ ބިރު ކަނޑުވާލިއެވެ.

ވިޔަފާރުވެރިންނަށާއި އާންމުންނަށް އެހީވުމަކީ އެވަގުތު މެންބަރުންގެ ބަހަނާއަކަށް ހެދިއެވެ. ނަމަވެސް އެމީހުންގެ ބޭނުމަކީ ސިޔާސީ މަންފާއެކެވެ. އޭރު ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބެވެ. އެ ދަނޑިވަޅުގައި ރާޒުވާ ކުޅިބައި މަޖިލިސް ތެރޭ އަތުރާލުމަށް ފަހު މެންބަރުން "ސައި" ކިއީ އެޗްޕީއޭ ގެނެސް މަޖިލީހަށް ވެއްދުމަށް ފަހުއެވެ. ސުވާލުތަކާއި ޝަކުވާތައް މެންބަރުން އޮއްސާލީ އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލަށް ކެތްވާ ހިސާބަކުން ނޫނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ރޯދަ މަސް ފެށުމުގެ ކުރިން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް އުވާލުމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް އެޗްޕީއޭ ހާޒިރު ކުރި ބައްދަލުވުމުގެ ތެރެއިން

ފުރުސަތުގެ ބޭނުން ހިފާ ކެމްޕޭން ކުރުމަށް ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ދަތުރުތައް ފެއްޓިއެވެ. ކެމްޕޭން ކުރުމަށް އެކި ކަންކަން ރާވައި އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކޮށް އިންތިހާބު ކާމިޔާބު ކުރުމަށް ސީޔާސީ ރޫހާއި ޖޯޝު ފަޒާގައި ގުގުމަމުން ދިޔައެވެ. ކަންތައް މިހާ ހިސާބަށް ދިޔައިރު ކޮވިޑް ބިރުވެރިކަން އާންމުންގެ ހިތްތަކުން ފިލައިގެން ދިޔައީއެވެ.

އަޅާ ފިޔަވަޅަކުން ދެން އެދެވޭ ނަތީޖާއެއް ނުކުންނާނެ ބާ!

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަމުން އައިސް ގިނަ އަދަދެއްގެ މީހުން ތިބީ ވެކްސިންގެ "އައްޑަނަ" ނަގައިގެންނެވެ. ވެކްސިން ޖެހި އާބާދީގެ ތެރެއިން ވެސް މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަދެއް ނޫނެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ވެކްސިންއަކީ ބަލި ޖުހުމުން ދުރުކޮށްދޭ އެއްޗެއް ނޫނެވެ. ވެކްސިން ޖެހުމަކީ ކޮވިޑް ބަލިން ބޮޑުވަރު ނުވެ ސަލާމަތް ވުމަށް ދެވެން އޮތް ފަރުވާއެކެވެ. ބޮޑު އާބާދީއެއް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފި ނަމަ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް އެމީހުން ބުނެއެވެ.

އުފެއްދި ވެކްސިންތައް ރާއްޖެއަށް ގެނެސް އެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ދިޔަ ނަމަވެސް ކޭސްތައް މިވަގުތު އިތުރުވެ ގިނަ ބަޔަކު މަރުވުމަކީ ބިރު ގަންނަން ޖެހޭ ކަމެކެވެ. އާބާދީގެ ބޮޑު ބަޔަަކަށް އަދި ވެކްސިން ޖަހައި ނުނިމެނީސް ނުރައްކަލުގެ ރަނގަބީލުގެ އަޑު މި ވަނީ ގަދަވެފައެވެ. ވެކްސިން ޖަހާފާއި ތިބި މީހުންނަށް ވެސް ބޮޑުވަރުވާ ތަން ފެންނަ ކަމަށް ތުންތުން މަތިން ދެކެވޭ ވާހަކަތައް އަޑު އިވުމުން އެ އައްޑަނައިގައި ހިފަން ދާން ވެސް މީހުން ބޭނުން ނުވީއެވެ.

ކޮވިޑް ވެކްސިން ޖެހުމަށް ސޯޝަލް ސެންޓަރަށް ގޮސް ތިބި މީހުން / ފޮޓޯ: ދަ ޕްރެސް

އެއްކަމަކަށް ފަހު އަނެއް ކަމެއް ކުރިމަތިވަމުން އައި އިރު ކޮވިޑް ބަލީގައި އަމަލު ކުރުމަށް ކަނޑައަޅާ އުސޫލުތައް ވަނީ އާންމުންނަށް "ޖޯކް" އަކަށް ވެފައެވެ. މި ދަނޑިވަޅުގައި ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް އާންމުން ސީރިއަށްކޮށް ނަގާނެ ކަމާ މެދު ސުވާލު އުފެދެއެވެ. ވޭތުވެ ދިޔަ ތިން ހަފްތާއަށް ބަލާލި ކަމުގައި ވިޔަސް ކާފިއު ވަގުތު ގިނަ ބަޔަކު މަގުތަކަށް ނުކުމެ އުޅޭ ތަން ފެނުމަކީ މި ކަހަލަ ފިޔަވަޅުތަކަށް ގިނަ ބަޔަކު ބޯނުލަނބާ ކަމުގެ ހެއްކެކެވެ. ފުލުހުން ގިނަ ބަޔަކު ޖޫރިމަނާ ކޮށްފައި ވާ ތަން ފެންނަން އޮތަސް އެއަށް ވުރެ ގިނައީ ނަސޭހަތް ދީ ދޫކޮށްލާ މީހުންނެވެ. އަދި މަަގުމަތީގައި ތިބެ އަޅަ ނުލާ ދޫކޮށްލާ ފަހަރުވެސް މަދެއް ނޫނެވެ.

ނުަރައްކާ ބޮޑުވަމުން އަންނަ މި ވަގުތުގައި ހަމައެކަނި ނަސޭހަތް ދީގެން ދޫކޮށްލުމަކީ ފެދޭނެ ކަމެއް ހެއްޔެވެ. ކޮވިޑް ކޭސްތައް މައްޗަށް ދިޔަ އިރު، ނުރައްކަލުގެ ރަނގަބީލުގެ އަޑު އިވުނު ބަޔަކު ނެތް އިރު އަޅާ މިފަދަ ފިޔަވަޅުތަކަކުން ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ. ނުކުންނަން ޖެހުނީމަ ހަމަ ނުކުންނަނީއެވެ. ޕާމިޓް ނަގަން ބުނެފައި އޮތީމަ ކޮންމެސް ބަހަނާއެއް ދައްކައިގެން ކާފިއު ވަގުތު ނުކުންނަކީ ނާގާފައިވާ "ކޮވިޑްގެ ބިޔަ ރާޅާ" އެކީ މުޅި ގައުމު ދޮވެލަފާނެ ކަމަށް އަންދާޒާ ކުރުމެއް ނެތިއެވެ.

ކޮވިޑްގެ މި ހާލަތުގައި މާސްކް އަޅާއިގެން މަގުމަތީގައި އުޅޭ މީހުން / ފޮޓޯ: ދަ ޕްރެސް

ވޭތުވެ ދިޔަ މަސް ދުވަހުގެ ތެރޭގައި އެތައް ފިޔަވަޅެއް އެޅި ނަމަވެސް ކޭސްތައް ދަށަށް ދާނެ ކަމަށް ކުރެހި މަންޒަރުތައް ކުލައެއް ނުވެއެވެ. ކޭސްތައް އިތުރުވެގެން އައި އިރު އާންމުން ހިތުގައި ބިރު އުފެދުނެވެ. ނަމަވެސް އެ ބިރުވެސް މީހުންގެ ހިތްތަކުން ފޮހެލީ ބެކް ލޮގް އެއް އޮތް ކަމަށް ބުނެ ދެކެވުނު ވާހަކައަކުންނެވެ.

މިހާރު ގިނަވަނީ ކޭސްތައް އެކަންޏެއް ނޫނެވެ. ކޮވިޑް މަރުތަކުގެ ޖަނާޒާތައް ގިނަވެ ސަހަރާ ފުރުމާ ގާތްވަނީއެވެ. މަރުތައް ރިޕޯޓް ކުރާ އަދަދު އިތުރުވެ މިއަދު އެކަނި ވެސް 13 މީހަކު މި ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. ފިޔަވަޅުތައް ހަރުކަށި ކުރާ ކަަމަށް މަބްރޫކް ވިދާޅުވި، ނަމަވެސް ފުރަބަންދަކަށް ދިއުމުގެ ވިސްމުނެއް ނެތެވެ. ނަމުގައި ހިންގަން ނިންމީ ކާފިއުއެވެ.

މިހާރު މަރަކަށް ފަހު މަރެއް ރިޕޯޓު ކުރަން ފެށުމުން މީހުން އިނގިލި ދިއްކުރަން މި ފަށަނީ ސިއްހީ ފަރުވާ ދެމުންދާ ފެސިލިޓީތަކަށާއި ވަސީލަތްތަކަށެވެ. ރަނގަޅު އެއް ގޮތެއްވެސް ނެތެވެ. ކޮންމެ ދުވަހެއްގެ ފެށުމަށް މިހާރު ވެގެން ދަނީ ކޮވިޑްގެ އާ މަރެކެވެ. މާދަމާ މަރުވާނީ ކާކުގެ މަންމައެއް ނުވަތަ ބައްޕައެއް ކަމެއް ނޭނގެއެވެ. އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަން ލަސް ވެއްޖެއެވެ. ހަމައެކަނި އަތް ދޮވެ މާސްކު އަޅައިގެން ފުއްދާ ލެވޭކަށް ނެތެވެ.