މާލޭގައި އޮތް ކާފިއު ވަގުތުގައި ބޭރަށް ނުކުމެ ވިޔަފާރި ކުރާނަމަ، އެ ވިޔަފާރި އެއް 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކާފިއު ވަގުތު ތަކުގައި ފިހާރައަށް ވަދެ ވިޔަފާރި ކުރުމާއި ކެފޭ ރެސްޓޯރަންޓަށް ވަދެ ހިދުމަތް ހޯދުން މަނާކޮށްފައި ވާ ކަމަށެވެ. އަންނަ ބުދަ ދުވަހުން ފެށިގެން ކާފިއު ވަގުތު މާލެ ސަރަަހައްދުގައި އިތު ރުކޮށްފައިވާ އިރު އެ ވަގުތު ގައި ފިހާރަތަކަށް ވަދެ ވިޔަފާރި ކުރާ ނަމަ އެ ވިޔަފާރިއެއް 5000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަންނަ ބުދަ ދުވަހުން ފެށިގެން ކާފިއު ހިންގާ ވަގުތު އިތުރު ކޮށްފައިވާ އިރު ކާފިއު ނޫން ވަގުތުތަކުގައި ވެސް މީހުން ނުކުމެ އުޅުން މަދު ކުރުމަށް ވަނީ ހާއްސަ ފިޔަވަޅެއް އަޅާފައެވެ. އެ ގޮތުން ކޮންމެ ގޭބިސީއަކަށް 2 ފާސް ދިނުމަށް ހަމަޖެހިފައިވާ އިރު އެ ފާސް ނުލައި ނޫނީ ކާފިއު ނޫން ވަގުތު ތަކުގައި ވެސް ނުނިކުމެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ކާފިއު ނޫން ވަގުތު ތަކުގައި ވެސް ބޭރަށް ނުކުންނާނީ ކޮންމެ ހެން ކުރަންޖެހޭ ކަންކަން ކުރަން އެކަނި ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކޮންމެ ގޭބިސީއަކަށް 2 ފާސް ދޫކުރާނެ ކަމަށާއި އަދި ކޮންމެ ފާހެއްވެސް ދޫކުރަނީ 4 ގަޑިއިރަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ފާސް ދުކުރަމުން ގެންދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ދަންފަޅި އަކީ ހެނދުނު 8 އިން މެންދުރު 12 ކަމަށާއި ދެވަނަ ދަންފަޅި އަކީ މެންދުރު 12 އިން ހަވީރު 4 އަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކާފިއު ހިންގާ އިރު ދެ ޒޯނަކަށް ވަނީ ބަހާލާފައެވެ. އެ ގޮތުން ހުޅުމާލެ އަކީ އެއް ޒޯން ކަމަށާއި މާލެއާއި ވިލިމާލެ އަކީ އަނެއް ޒޯން ކަމަށް މަބުރޫކް ވިދާޅުވިއެވެ. ކާފިއު ނޫން ވަގުތު ފާހާ އެކު ނުކުންނަ އިރު އެ ބަޔަކަށް ނުކުމެވޭނީ އެ ބައެއްގެ ޒޯނަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.