ތިމާވެއްޓަށް ކަނޑައަޅާފައިވާ މިންގަނޑު ހާސިލް ވޭތޯ ކަށަވަރު ކުރުމަށް ކޮމަންވެލްތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.
މިއަދު ބޭއްވި އޭޝިޔާ ސަރަހައްދުގެ ކޮމަންވެލްތް ލީޑަރުންގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުރާނީ ވަކި ގައުމަކަށް ނޫންކަމަށާއި، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ފުރަތަމަ އެކަމުގެ އަސަރު ކުރި ނަމަވެސް ގިނަ ދުވަސް ފާއިތުވާ ވަރަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ހުރިހާ ގައުމުތަކަށް ވެސް ފޯރާނެކަމަށެވެ.
އަދި، އެކަމުން އަރައިގަތުމަށް ކޮމަންވެލްތް އާއިލާގެ ހުރިހާ ގައުމުތަކާއި ބައިނަލްއަގްވާމީ ދުނިޔޭގެ އެހެން ގައުމުތަކުން ގުޅިގެން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށާއި އެ ފިޔަވަޅުތައް އެޅުމުގައި ވަގުތުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ރައިސް ވަނީ ދުނިޔެ އިތުރަށް ހޫނުވިޔަ ނުދީ ދުނިޔޭގެ ފިނި ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓޭތޯ މަސައްކަތް ކޮށްދިނުމަށް ކޮމަންވެލްތަށް ގޮވާލައްވައިފައެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވަމުންދާ މޫސުމީ ގޮންޖެހުންތަކުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި މިދިޔަ ޑިސެންބަރު މަހު ހުށަހަޅާފައިވާ ކްލައިމެޓް ޕްލޭންގައި ވާ ގޮތަށް އެކަމުގެ ހައްލަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުން އެކަނި ނޫންކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާ އެއްވަރަށް ވިލުންތެެރިކަން އިތުރުކޮށް، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ތިމާވެއްޓާ ރައްޓެހި ވަށްޓަފާޅިއެއް ގެންގުޅުން މުހިންމު ކަމުގެ މައްޗަށް ރައިސް އަލުއަޅުައްވާ ލެއްވިއެވެ.
އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ކޮވިޑް ގެ ބަލިމަޑުކަމުގެ ސަބަބުން އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖޭގެ ތަރައްގީގެ ޕްލޭންތަކަށް ރިއާޔަތްކުރަން ޖެހިފައިވާއިރު، ރާއްޖޭގެ އިގްތިސޯދުގެ ނާރެހަކީ ކަނޑުފަޅާ ނުހަނު ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމުގައި ވިދާޅުވިއެވެ.
އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ހިއްސާކުރާ މަސްވެރިކަމާއި ފަތުރުވެރިކަމަށް ކުރާތަން ފެންނަކަމަށާއި، ރާއްޖޭގެ ޤުދްރަތީ ވަޞީލަތްތައް ރައްކާތެރިކޮށް ބަދަލުވަމުންދާ މޫސުމަށް ދިރިއުޅުމުގެ ހުރިހަާކަމެއް ހޭނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވަމުން އިތުރަަށް ވިދާޅުވީ، ރާއްޖެ ފަދަ ނާޒުކު ގައުމަކުން އަލުން އިގްތިސޯދު އާރާސްތުކުރުމުގައި ދެމެހެއްޓެނިވި ވިލުންތެރި ގޮތްތަކެއް ހިޔާރުކުން މުހިންމުކަމުގައެވެ.