ރާއްޖޭގައި ކޮވިޑް-19އަށް ޓެސްޓް ކުރާ މިންވަރު އިތުރު ކުރުމުގެ ގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޕީސީއާރު ޓެސްޓް ކުރެވޭނެ ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތް ފަށާފައިފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ޓެސްޓިންގް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ހަތަރު ސަރަހަށްދެެއްގައި ކޮވިޑް-19 ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ނިންމާފައި ވަނީ ދެކުނުން ލ އަތޮޅާއި ގދ އަތޮޅު އަދި މެދު ރާއްޖޭއިން ރ އަތޮޅާއި ޅ އަތޮޅުގައި ޕީސީއާރު ޓެސްޓް ކުރެވޭނެ ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބުރޫކް ވިދާޅުވީ އެ ހަތަރު އަތޮޅުގައި ޕީސީއާރު ޓެސްޓިންގް ފެސިލިޓީތަކެއް ހެދުމުގެގޮތުން، ލެބޯޓްރީގައި މަސައްކަތްކުރާ މީހުން ތަމްރީނު ކުރުމަށް އެމީހުންގެ ނަން ފޮނުވުމަށް ހެލްތް މިނިސްޓްރީން އަންގާފައިވާނެ ކަމަށެވެ. އެ ފެސިލިޓީތަކުގެ މަސައްކަތް މަސް ދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށާއި އެއިން ކޮންމެ ފެސިލިޓީއެއްގައި ދުވާލަކު 300 ސާމްޕަލް ޕްރޮސެސް ކުރެވޭނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ ކޮވިޑްގެ ކަންކަމަށް އެހީތެރިވުމަށް ކެބިނެޓުގެ މިނިސްޓަރުން ހިމެނިވަޑައިގަންނަވާ ޓާސްކްފޯސްއެއް އެކުލަވާލާފައިވާ ކަމަށާއި ކޮންމެ އަތޮޅަކަށް ވަކިން އަތޮޅު ފެންވަރުގައި ޓާސްކްފޯސްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.