ހުޅުމާލެ ސޭފް ގޭޓް ފިހާރަ ހުންނަ އިމާރާތުގެ 2ވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެއެވެ. ވެއްޓުނު މީހާއަށް މިހާރު އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނެފައިވަނީ މިއަދު 15:50 ހާއިރު ހުޅުމާލޭ އިމާރާތެއްގެ 2 ވަނަ ބުރީގައި އޭސީއެއް ހަރުކުރަން އުޅުނު މީހަކު އޭސީގެ އައުޓްޑޯ ޔުނިޓާ އެއްކޮށް ބިންމައްޗަށް ވެއްޓި އަނިޔާވެފައި ވާކަމުގެ މައުލޫމާތު ލިބިފައި ވާކަމަށެވެ. އަދި އަނިޔާ ލިބުނު މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭވެސް ހުޅުމާލޭ ނިރޮޅުމަގުގެ 6 ވަނަ ނަންބަރު ގޯޅީގައި އަނިޔާތަކަކާއެކު ވެއްޓިފައި އޮތް 21 އަހަރުގެ ފިރިހެނެއް ވަނީ ފެނިފައެވެ. އަދި ރޭ ވެސް މާލޭގެ އިތާ ގޯޅީގައި ހުންނަ އެންދެރިކުރި އިމާރާތުގެ 5 ވަނަ ބުރިންވެސް ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ވެއްޓި އަނިޔާ ވެފައެވެ.

މިއަދު ހިނގި ހާދިސާގެ މައުލޫމާތު ފުލުހުން ހާމަ ކުރި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ރެއާއި ރޭ ހިނގި ހާދިސާ އާ ގުޅޭ އިތުރު މައުލޫމާތު ދީފައެއް ނުވެއެވެ.