ރާއްޖޭގައި މިވަގުތު ކޮވިޑް ބަލި ހަލުވިކަމާއެކު ފެތުރެމުންދާ އިރު މި ބަލީގައި 294 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި އައިސީޔޫގައި މި ވަގުތު 16 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް ބައްޔާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޖުމްލަ 16 މީހަކަށް މިހާރު އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން 9 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 22،421 މީހަކު އެބަ ތިއްބެވެ. އަދި އޭގެތެރެއިން 294 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އިތުރު ތަފްސީލް ހާމަ ކުރައްވަމުން މަބްރޫކް ވިދާލުވީ، ޑީއެޗް 11 ގެ އައިސީޔޫގައި 9 މީހަކަށް ފަރުވާ ދެމުންދާ އިރު 5 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. ހަމައެއާއެކު ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި 7 މީހަކަށް ފަރުވާ ދެމުން އަންނަ އިރު އޭގެ ތެރެއިން 4 މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް މަބްރޫކް ވިދާޅުވެއެވެ.

ހޮސްޕިޓަލުގައި ކޮވިޑް ޖެހިގެން ފަރުވާ ދެމުން އަންނަ މީހުންނަށް ބަލާއިރު މި ވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާގެ ވޯޑުގައި 9 މީހަކު، 16 ވަނަ ފަންގިފިލާގަައި 9 މީހަކު، ޕްރައިވެޓް ވޯޑުގައި 4 މީހަކު އެބަ ތިއްބެވެ. އަދި ހިޔާ ވިންގު ގައި 10 މީހަކު އޮތް އިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 188 މީހަކު އެބަ ތިއްބެވެ. ހަަމައެއާއެކު ހުޅުމާލެ ހޮސްޕިޓަލުގައި 36 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މީގެ އިތުރުން އައްޑޫ ހޮސްޕިޓަލުގައި 2 މީހަކާއި، ބ. އޭދަފުށީ ފެސިލިޓީގައި 2 މީހަކާއި، ށ. ފުނަދޫ ފެސިލިޓީގައި 9 މީހެއްގެ އިތުރުން ލ. ގަން ފެސިލިޓީގައި 10 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.