ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅު، ކޮވިޑަށް ފަރުވާ ހޯއްދަވައި ބަލިން ފަސޭހަވެ އެނބުރި ގެއަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހުގެ ދައްތާފުޅު އައިޝަތު މުހައްމަދު ސޯލިހު ވަނީ، އެކަމަނާގެ މަންމާފުޅަށް އަވަސް ޝިފާއެއް ދެއްވުން އެދި ހެޔޮދުއާ ކޮށްދެއްވި އެންމެހާ ފަރާތްތަކާއި ރަހުމަތްތެރިންނަށް އާއިލާގެ ފަރާތުން ޝުކުރު ދަންނަވާފައެވެ. އަދި ރައީސް ސޯލިހާއި ފަސްޓްލޭޑީ ފަޒްނާ އަހްމަދާއި އާއިލާގެ އެހެން މެންބަރުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލުން ފާހަގަ ކުރައްވާ އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އުމުރުފުޅުން 77 އަހަރުވެފައިވާ ރައީސް ސޯލިހުގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދިނީ މި މަހުގެ ކުރީކޮޅުއެވެ. އަދި ބަލިން ފަސޭހެ އެނބުރި ގެއަށް ބަދަލުކޮށްފައި ވަނީ އިއްޔެއެވެ.

މީގެ ކުރިން ރައީސް ސޯލިހްގެ އަނބިކަނބަލުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މެޑަމް ފަޒްނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ފަޒްނާއާއެކު އެކަމަނާގެ ކޮއްކޮ ނަޒީހާ އަހްމަދާއި އޭނާގެ ފިރިކަލުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މެޑަމް ފަޒްނާ ޕޮޒިޓިވް ވެފައިވީ ނަމަވެސް، ރައީސް ސޯލިހާއި، އެ ދެކަނބަލުންގެ ދެ ބޭފުޅުން، ސަރާ ސޯލިހް އަދި ޔަމާން ސޯލިހް ކޮވިޑަށް ހެދި ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

މީގެ ކުރިން ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ކޮވިޑަށް ޕޮޒިޓިވްވިއެވެ. ނަމަވެސް، އެކަމަނާ ވަނީ ބަލިން ރަނގަޅުވެފައެވެ.