ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް އެ ހޮސްޕިޓަލުގެ ފާހާނާއެއްގެ ތެރެއިން ފެނުނު ފިސްތޯލަ އެތަނުގައި ބޭއްވި ސިފައިންގެ މީހާ ޑިއުޓީތަކުން އެއްފަރާތްކޮށްފައި ވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އޭޑީކޭގެ ފާހާނާއެއްގެ ތެރޭގައި ފިސްތޯލައެއް ބޭއްވިފައި ވަނީ ސިފައިންގެ މީހެއްގެ އަތުން ކަމަށެވެ. އަދި އޭނާ މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އެ މައްސަލަ މިލިޓަރީ ޕޮލިހުން ބެލުމަށް ފަހު ފުލުހަށް މައްސަލަ ފޮނުވާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޮސްޕިޓަލުގެ ފާހާނާއެއް ތެރެއިން ފިސްތޯލައެއް ފެނުނީ އެ ހޮސްޕިޓަލްގެ މުވައްޒަފަކަށެވެ. މި ވާހަކަތައް ފެންމަތީ އިއްޔެއެވެ.

މިފަދަ މައްސަލަ އެއް ފެންމަތި ވެފައި ވާއިރު، ނަޝީދަށް ފަރުވާ ދިން އޭޑީކޭ ކޮޓަރީގައި ސިފައިން ތިބިއިރު ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިމަހު 7 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމު ވިދާޅުވީ، އެހެން އިސް ބޭފުޅުންނަށް އަރުވާ ސެކިއުރިޓީއަށް ވުރެ އެތައް ގުނައެއް މަތީ ސެކިއުރިޓީއެއް ރައީސް ނަޝީދަށް ދެއްވި ކަމަށެވެ. ހަމައެއާއެކު ހަނގުރާމަ މަތީ ހަތިޔާރާ އެކު އަބަދުވެސް ރައީސް ނަޝީދާއެކު ސިފައިން ހަރަކާތްތެރިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

މިމަހުގެ 6 ވީ ބުރާސްފަތި ދުވަހު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އިތުރު ފަރުވާއަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

އޭޑީކޭގެ ފާހާނާ ތެރެއިން އެ ރޭ ފިސްތޯލައެއް ފެނުނު މައްސަލަ ފެންމަތިވެފައި ވާއިރު، އެނގިފައިވާ ގޮތުގައި އެއީ ރައީސް ނަޝީދުގެ ބޮޑީގާޑެއްގެ ފިސްތޯލަ އެކެވެ. އޭޑީކޭގެ ސްޓާފަކަށް ފިސްތޯލަ ފެނުމާ ގުޅިގެން ފުލުހުން މެދުވެރިކޮށް ސިފައިންނާ އެ ހަވާލުކޮށްފައި ވާކަމަށް ބުނެއެވެ. އަދި އެއީ ކިހިނެއް ހިނގާދިޔަ ކަމެއްތޯ މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.

ނަޝީދަށް ހަމްލާ ދިން މައްސަލަ އާ ގުޅިގެން 4 މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އަދި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހުއެވެ.