ކޮވިޑް19 އަށް ފަހު ލޮލުގެ ފެނުން ގެއްލޭ، މިއުކޯމައިކޯސިސް ނުވަތަ ވަރަށް މަދުން ފެންނަ ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ "ބްލެކް ފަންގަސް" އަށް އަށް ޝައްކު ކުރެވޭ މީހަކު ރާއްޖެ އިން ފެނިއްޖެއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ބްލެކް ފަންގަސް ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާ ކަމަށާއި ނަމަވެސް "ބްލެކް ފަންގަސް" އަށް ދޭ ބޭސް ރާއްޖޭގައި ނެތް ކަމަށެވެ. އަދި މި ބައްޔަށް ފަރުވާ ކުރަން ބޭނުންވާ ބޭސް ކަމަށްވާ، އެމްފޯޓެރިސިންބީ ގެނެސް ރާއްޖޭގައި ބެހެއްޓުމަށް ފައިސަލް ވަނީ އެސްޓީއޯ އަށް އިލްތިމާސް ކުރައްވާފައެވެ. މިއީ އަވަށްޓެރި އިންޑިއާގެ ގިނަ ކުންފުނިތަކަކުން އުފައްދާ ބޭހެކެވެ.

އެ ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައި ވާތީ ޓެސްޓުތައް ހަދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު އިންތިޒާރު ކުރަމުން އަންނަނީ އެ ޓެސްޓުތަކުގެ ނަތީޖާއަކަށް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީވެސް ވަނީ ވިދާޅުވެފައެވެ.

ހަމަ މިއާއެކު އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.އިބްރާހިމް ޝިހާމް ވިދާޅުވީ ނުރައްކާތެރި ފަންގަލް އިންފެކްޝަނެއް ރާއްޖެއިން މިހާތަނަށް ފެނިފައި ނުވާ ކަމަށައި އެހެންނަމަވެސް ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް ކަމަށް ޝައްކުކުރެވޭ ކޭސްއެއް ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެކަން ކަށަވަރުކުރުމަށް ސާމްޕަލް ފޮނުވާފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ލަސްނުކޮށް ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށްވެސް ޑރ.ޝިހާމް ވިދާޅުވިއެވެ.

މިފަދަ ފަންގަސްއަށް ޓްރީޓްމަންޓްވެސް ހުރޭ. މިއީ ނުރައްކާތެރި އިންފެކްޝަނެއް ނަމަވެސް ފަރުވާއެއް ނެތްކަމަށް ނުބުނެވޭނެ. ފަރުވާ އެބައޮތް އަދި ފަރުވާ އަވަސްކުރުމަކީ މުހިއްމުކަމެއް. އޭގެ މާނައަކީ ބަލި ދެނެގަނެވޭތާ 5 ނުވަތަ 6 ދުވަހުގެ ތެރޭގައި ފަރުވާ ފެށުން. އެކަން ދެނެގަތުމަށް އަންނަނީ މަސައްކަތްކުރަމުން.
ޑރ.ޝިހާމް

މިފަދަ ނުރައްކާތެރި ބައްޔަކާ ގުޅިގެން މިވަގުތު ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ޑރ.ޝިހާމް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބައްޔާ ގުޅޭ ސައްހަ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށާއި މިފަންގަސްއަށް ޝައްކުކުރެވޭ ފަދަ ކަމެއް އާއްމުންނަށްވެސް ޝައްކުކުރެވޭނަމަ އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް ޑރ.ޝިހާމް ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން ޑރ.ޝިހާމް ވަނީ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަށް އިރުޝާދުދެއްވާފައެވެ. އަދި ބައްޔަށް ޝައްކުކުރެވޭ ފަދަ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޓެސްޓުކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއުކޯމައިކޯސިސް ފަންގަސްއަށް ދޭ ބޭހަކީ އިންޑިއާއިން ލިބެން ހުންނަ ބޭހަކަށް ވާއިރު، އިންޑިއާގައި ބްލެކް ފަންގަސް ފެތުރުން އިތުރުވެ، އެ ބޭހުގެ ފަރުވާއަށް ބޭނުންވާ ބޭހުގެ ދަތިކަން ވެސް އެގައުމަށް ވަނީ ކުރިމަތިވެފައެވެ.

"ބްލެކް ފަންގަސް" ބަލީގައި އާންމު ގޮތެއްގައި ބޮޑުވަރު ވަނީ ދާއިމީ ބައްޔަށް ބޭސް ކުރާ މީހުން ނުވަތަ ބަލިމަޑުކަމެއް ހުންނަ މީހުންނަށެވެ. އެ އިންފެކްޝަންގެ ސަބަބުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލުމުގައި ދަތިތަކާ ކުރިމަތިލާން ޖެހި ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެއެވެ. ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.