އީރާނުގެ ވެރިރަށް ތެހްރާނުން އުދުއްސާލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި 2 މިސައިލް ހަމަލާއެއް ދީ، ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ކޮމާޝަލް ފްލައިޓް ޕީއެސް752 ވައްޓާލުމަކީ، ގަސްތުގައި ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއް ކަމަށް، ކެނެޑާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މިއާއެކު، ފްލައިޓުން ދަތުރުކުރި އާއިލާތަކަށް ބަދަލު ހޯދުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.

އޮންޓާރިއޯގެ ސުޕީރިއާ ކޯޓު އޮފް ޖަސްޓިސްގެ މި ހުކުމަކީ، ކެނެޑާގެ ޝަރުއީ ހަޔާތުގެ ތާރީހުގައިވެސް ކުރި މިފަދަ ފުރަތަމަ ހުކުމް ކަމަށް ހަބަރު ލިބެއެވެ.

އީރާނު އަސްކަރިއްޔާއިން ވައްޓާލި ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީއެސް752ގެ ބައިތަކެއް އެ ބޯޓު ވެއްޓުނު ސަރަހައްދަށް ފެތުރިފަ/ފޮޓޯ: ރޮއިޓާޒް

މި ހުކުމަކީ، ފްލައިޓުން ދަތުރުކުރި ފަސެންޖަރުންގެ އާއިލާތަކަށް ނިސްބަތްވާ 4 މީހަކު، ބަދަލުގެ ގޮތުގައި 1.5 ބިލިއަން ކެނޭޑިއަން ޑޮލަރު ނުވަތަ 1.25 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ކޯޓަށް ވެއްދި މައްސަލާގައި އިއްވި ހުކުމެކެވެ.

ފްލައިޓުން ދަތުރުކުރި 176 މީހުންގެ ފުރާނަ ގެއްލި ދިޔަ އެ ހިތްދަތި ހާދިސާގައި، ކެނެޑާގެ ރައްޔިތުންނާއި ދާއިމީ ރަށްވެހިން ހިމެނޭހެން 85 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ކޮމާޝަލް ފްލައިޓް ޕީއެސް752 ވައްޓާލާފައިވަނީ، އީރާން އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ކޮމާންޑަރު، ގާސިމް ސުލައިމާނީ އަވާހަރަކޮށްލުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ސުލައިމާނީ އަވަހާރަކޮށްލީ އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައެވެ.

ކެނެޑާގެ ކޯޓުގައި ބެލި މައްސަލާގައި އީރާނުން ދިފާއު ހޯދާފައެއް ނުވެއެވެ. ހާދިސާ ހިނގިތާ 3 ދުވަސް ފަހުން، އީރާނުން ވަނީ، ޔޫކްރައިންއަށް ދަތުރު ކުރަމުން ބޮއިންގް 737-800 މަރުކާގެ ބޯޓު ވައްޓާލީ އީރާނުގެ އަސްކަރިއްޔާއިން ކަމަށް އިއުތިރާފްވެފައެވެ.

ޔޫކްރައިންގެ ފްލައިޓް ޕީއެސް752އަށް އީރާނުގެ މިސައިލް ހަމަލާ އަމާޒުވި މަންޒަރު/ފޮޓޯ: އީޔޫޓުޑޭ

އޮޅުމެއްގެ ތެރެއިން ހިނގި ކަމަށް ބުނާ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް، މާލީ ބަދަލެއްގެ ގޮތުގައި 150000 ޑޮލަރު ދިނުމަށް އީރާނުން ވަނީ ނިންމާފައެވެ. ނަމަވެސް، އެކަން ގޮސްފައި ވާ ހިސާބެއް އަދި ސާފެއް ނުވެއެވެ.

މިހާދިސާއާ ގުޅިގެން ތައްޔާރު ކުރި ތަހުގީގީ ރިޕޯޓްގެ ފައިނަލް ކޮޕީ، މި ތަހުގީގުގައި ޝާމިލުވާ އެހެން ގައުމުތަކާ ހިއްސާކޮށްފައި ވާނެ ކަމަށްވެސް އީރާނުން ބުނެއެވެ. އެ ގައުމުތަކަކީ ޔޫކްރައިން، އެމެރިކާ، ފަރަންސޭސިވިލާތް، ކެނެޑާ، ސްވީޑަން އަދި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތެވެ.

އީރާނާއި ޒަމާންވީ ހަތުރު، އެމެރިކާއާއި ދެމެދު އިންތިހާއަށް މަސްރަހު ނުތަނަވަސްވެ، ހަނގުރާމައެއްގެ ތުންފަތް މަތީގައި އޮއްވާ، ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ކޮމާޝަލް ފްލައިޓެއް އީރާނުގެ ވައިގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް، އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ގޮފި ކަމަށްވާ ރިވަލޫޝަނަރީ ގާޑުން އެ ބޯޓަށް ހަމަލާދީ، ވައްޓާލީ ޖެނުއަރީ 8، 2020 ވަނަ ދުވަހުއެވެ.