ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން، އެ އިދާރާއިން ހުއްދަ ދީފައިވާ ހުރިހާ ވެކްސިނަކީވެސް، ފެތުރިފައިވާ ވޭރިއަންޓުތަކަށް އެނގުންވާ ވެކްސިންތަކެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯއިން ވިލާތަށް ކަނޑައަޅާފައި ހުންނަވާ އިސް އޮފިޝަލު، ހާންސް ކްލޫގެ ވިދާޅުވީ، މިހާތަނަށް ފެނުނު ހުރިހާ ވޭރިއަންޓެއްވެސް، އެ ޖަމިއްޔާއިން ހުއްދަ ދީފައިވާ ކޮވިޑް ވެކްސިންތަކަށް އިޖާބަ ދޭ ކަމަށެވެ.
ކަން މިހެން އޮތް ނަމަވެސް، އިޖުތިމާއީ ގައިދުރުކަން ތަންފީޒު ކުރުން ފަދަ ފިޔަވަޅުތައް ތަންފީޒު ކުރުން ހުއްޓުމަކަށް ނުގެނައުމަށްވެސް އޭނާ ވަނީ ބާރު އަޅުއްވާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށްވެސް ކްލޫގެ ވަނީ ވިދާޅުވެފައެވެ.
ވެކްސިނަކީ އަނދިރިކަމުގެ ތެރެއިން ފާޅުވާން އޮތް އަލިކަމަށް ވެދާނެ ކަމަށާ، ނަމަވެސް، އެ އަލިކަމުގެ ސަބަބުން، ހަގީގަތް ނުފެނި އަނދިރީގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމަށް ނިމުން އަންނާނެ ދުވަހެއް އަދި ބުނަން ނޭނގޭއިރު، ބަލިން ދިފާއުވެ، ބަލި ހާލަތު ގޯސްވެ ދިއުމުން ސަލާމަތް ވުމަށްޓަކައި ވެކްސިން ޑޯޒް ފުރިހަމަ ކުރުމާއި، ޖިސްމާނީ ގައިދުރުކަން އިސްކޮށް، ރަނގަޅު ގޮތުގައި މާސްކު ބޭނުން ކޮށް، އަތް ދޮވުން ފަދަ އާދަތަކަށް އަހުލުވެރިވާންޖެހެއެވެ.
ޑަބްލިއުއެޗްއޯއިން ރުހުން ދީފައިވާ ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ ފައިޒާ/ބައޮއެންޓެކް ކުންފުނީގެ ކޮވިޑް ވެކްސިން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ކޮވިޝީލްޑް ވެކްސިން، އަސްޓްރާޒެނީކާ އޭޒީޑީ 1222 ވެކްސިން، ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ތަރައްގީ ކުރި ޖާންސެން ވެކްސިން، މޮޑާނާގެ ކޮވިޑް ވެކްސިން އަދި ޗައިނާގެ ޗައނާގެ ސީނޯފާމް ކޮވިޑް ވެކްސިނެވެ.