ރޭ ބ. ދަރަވަންދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނަކުން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، ބ. ދަރަވަންދޫ އިން ހައްޔަރު ކުރި، ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު (23އ) ގެ ބަންދަށް 15 ދުވަސް ކޯޓުން މިއަދު ވަނީ ދީފައި ކަމަށެވެ.

ފާތިހު އަކީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ މާލެ، ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ހިމެނޭ ބައިވެރިއެއް ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި މީގެ ކުރިން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ. އެއީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އެވެ.

ވ. ތިނަދޫ އަށް އުފަން އުމުރުން 25 އަދުހަމް އަކީ މި ހަމަލާގައި އިސްކޮށް ހަރަކާތްތެރިވީ ފަރާތްކަމަށް ފުލުހުން ބުނެއެވެ. އޭނާ ފުލުހުން ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅޭ ހުޅުމާލޭގައި ހުންނަ ފްލެޓްއިން ނެވެ. އޭނާ ހައްޔަރު ކުރަން ދިޔަ އިރު ސިފަ ބަދަލު ކުރުމަށް މަސައްކަތް ކޮށްފައި ވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ ގޮތުން ބޯ ތުނިކޮށް ތުނބުޅި ބާލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މާލޭގައި ދީފައިވާ އެ ހަމަލާއާ ގުޅިގެން ޓެރަރިޒަމް ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަންތަކެއް އަދިވެސް ދަނީ ކުރިއަށެވެ. އަދި މި ހަފްތާ ތެރޭގައި އައްޑޫގައި ހިންގި އޮޕަރޭޝަން އަކުން ވެސް 9 މީހަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.