ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ފަހުން އެ ބައްޔަށް ޕޮޒިޓިވްވާ ޕޭޝަންޓުންނަށް، 2 ވަނަ ޑޯޒް ޖަހާނީ، ބަލިން ރަނގަޅުވާތާ 3 މަސްދުވަސް ފަހުން ކަމަށް، އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އަދި ކޮވިޑް ޖެހިފައިވާ މީހަކަށް ލޭ ހަދިޔާ ކުރެވޭނީ ވެކްސިން ޖަހާތާ 14 ދުވަސް ވުމަށް ފަހުގައި ނުވަތަ އާރްޓީ-ޕީސީއާރް ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމުން އެކަނި ކަމަށްވެސް އިންޑިއާގެ ސިއްހަތާ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ، ގާތުން ކިރުދޭ މައިންވެސް ވެކްސިން ޖެހުމަށް ބާރު އަޅާފައެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން، އެމީހަކަށް ކޮވިޑް ޖެހިފައި ވޭތޯ ބެލުމަށް ރެޕިޑް އެންޓިޖެން ޓެސްޓެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ވައެލްއެއް ދައްކާލަނީ / ފޮޓޯ: އޭޕީ ނިއުސް

މި އިރުޝާދުތަކަކީ އިންޑިއާގެ ނޭޝަނަލް އެކްސްޕާޓް ގުރޫޕު އޮން ވެކްސިން އެޑްމިނިސްޓްރޭޝަން ފޮ ކޮވިޑް-19 (ނެގްވެކް) އިން ދީފައިވާ އިރުޝާދުތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން ކޮވިޑް-19ގެ ވެކްސިން ޖަހާ ތާވަލަށް ބަދަލު ގެންނަމުންދާ މި ދަނޑިވަޅަކީ، ކޮވިޑް ވެކްސިން ސަޕްލައި ހީނަރުވެފައި ވާ ދަނޑިވަޅެކެވެ.

އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ މުއްދަތު ދަންމާލުމަށް އެ ގައުމުން ނިންމި ނިންމުމަކީ ބަލައިގަނެވޭ ނިންމުމެއް ކަމަށް، އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓްހައުސްގެ ޗީފް މެޑިކަލް އެޑްވައިޒާ، ޑރ އެންތަނީ ފައޫޗީ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ޑޯޒްއެއް ޖަހަން ތައްޔާރު ކޮށްފާ / ފޮޓޯ: ޓައިމް މެގަޒިން

އިންޑިއާގެ ސަރުކާރުން ވަނީ ކޮވިޝީލްޑްގެ 2 ޑޯޒްގެ ދެމެދުގައި ހޭދަ ކުރާ މުއްދަތު، 12 ހަފުތާއިން 16 ހަފުތާއަށް އިތުރު ކޮށްފައެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ކޮވިޝީލްޑް ވެކްސިން އެންމެ ފުރަތަމަ ތައާރަފު ކުރިއިރު 2 ޑޯޒްގެ ދެމެދުގައި ހޭދަ ކުރާ މުއްދަތެއް ކަމުގައި ކަނޑައެޅި 6-8 ހަފުތާއާ ދެމެދު މުއްދަތެކެވެ. މިއީ، ކޮވިޝީލްޑްގެ 2 ޑޯޒްގެ ދެމެދުގައި ހޭދަ ކުރާ މުއްދަތު، ފާއިތުވީ 3 މަސްދުވަހުގެ ތެރޭގައި އިތުރު ކުރި 2 ވަނަ ފަހަރެވެ.

ކަން މިހެން އޮތް އިރު، ފުރަތަމަ ޑޯޒްއަށް ފަހު ޕޮޒިޓިވްވާ ޕޭޝަންޓުންނަށް 2 ވަނަ ޑޯޒް ޖަހާ ދޭ މުއްދަތު ދަންމާލުމުންވެސް، އިންޑިއާއަށް ހިންދެމިލާނެ އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ބެލެވެއެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން، އިންޑިއާއިން ބޭރަށް ކޮވިޑް ވެކްސިން ޝިޕްމަންޓެއް ދާނެ ކަމަށް ނުބެލެވޭ ކަމަށް، އިންޑިއާ ސަރުކާރުގެ އޮފިޝަލުންތަކަކާ ހަވަލާދީ، ރޮއިޓާޒް އިން ވަނީ ރިޕޯޓް ކޮށްފައެވެ. މިކަމުގެ އަސަރު، ބައިނަލްއުވަމީ ވެކްސިން، އިއްތިހާދު، ކޮވެކްސްއަށްވެސް ވަނީ ފޯރާފައެވެ.