ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް މިސްރުގައި ކިޔަވަން ހުންނެވި ދުވަސްވަރު އިޒްރޭލުން މިސްރަށް ދިން ހަމަލާތަކުން ދިފާއުވުމަށް އެގައުމުން ކުރަމުން ދިޔަ މަސައްކަތްތަކުގައި ބައިވެރިވިކަން މައުމޫނު ހާމަކުރައްވައިފިއެވެ.

ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފައުޑާ މައުމޫނު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިޒްރޭލުގެ ހަމަލާތަކުން މިސްރު ދިފާއުކުރުމުގެ މަސައްކަތަށް އޭނާ ވޮލަންޓިއާ ކުރެއްވީ 1956 ވަނަ އަހަރު ކަމަށެވެ.

ފްރީ ފަލަސްތީން ހޭޝްޓެގް ބޭނުންކުރައްވާ ރައީސް މައުމޫނު ކުރެއްވި ޓުވީޓުގައި ވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެންވެސް ފަލސްތީނު ދިފާއު ކުރެވުމުގައި ހުންނެވި ކަން ވެސް ހަނދުމަކޮށްދެއްވާފައެވެ.

މައުމޫން ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތް އެކު/ ފޮޓޯ: ޓުވިޓާ

. އަދި މިހާރުވެސް މި ހުންނެވީ އެގޮތުގައި ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އެމަނިކުފާނުވަނީ އިސްރާއީލުން ފަލސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުން މިތިބީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފަލަސްތީނާއެކު ކަމަށްވެސް ރައީސް މައުމޫނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ފަލސްތީނު ރައްޔިތުންނަކީ މައުސޫމު ބައެއް ކަމަށާ ފަލަސްތީނަށާ މަސްޖިދުލް އަލް އަގްސޯ އަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް ތެދުވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.