މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައިފިއެވެ.

އަލަށް ހުވާ ކުރެއްވާ ސިޓީ ކައުންސިލުގެ ފުރަތަމަ ދުވަހު ނިންމާފައިވާ ނިންމުންތަކުގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކައުންސިލުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ފާހަގަ ކޮށްލެވެނީ:

  • ޕާކިން ޒޯނުތަކުގެ ކުލި 3000 ރުފިޔާއިން 750 ރުފިޔާއަށް ކުޑަ ކުރަން ނިންމުން
  • ދަފްތަރުގައި ޖެއްސުމާ ގުޅޭ އުސޫލުތައް ހަރުދަނާ ކުރެވެންދެން ދަފްތަރުގައި ޖެއްސުން މެނދުކަނޑާލުން
  • ވިލިމާލޭގައި ރައްޔިތުންގެ ގޯތީގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކުރުން
  • ގުޅީފަޅަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުކުރަން ތަރައްގީކުރެވޭ ތަނަކަށް ހެދުން
  • މާލެ ސިޓީގައި "1 ލައްކަ ގަސް" އިންދުން
  • މަގު ބަންދު ކުރުމަކީ ރައްޔިތުންނާ މަޝްވަރާ ކުރެވިގެން ކުރެވޭ، ގަވައިދެއް ހެދުން
  • ކައުންސިލުގެ ހުރިހާ ހިދުމަތްތައް ހުޅުމާލޭގައިވެސް އަދި ވިލިމާލޭގައިވެސް ދެވޭ ގޮތަށް ދެ އަވަށުގައިވެސް ޑިޕާޓްމެންޓުތައް އުފެއްދުން

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކޮންމެ ދުވަހަކީ ވެސް މާލޭ ސިޓީ ކައުންސިލުން އާ އިތުރު ކަންތައްތަކެއް ކުރާނެ ދުވަސްތަކެއް ކަމަށާއި މި ކައުންސިލަކީ ވަރުބަލި ވާނެ ކައުންސިލެއް ނޫން ކަމަށެވެ.