ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ޓެރަރިޒަމާއި ގުޅުން ހުރި އިންޓެލިޖެންސް އިދާރާތަކުން މަސައްކަތް ކޮށްފައިވާ ގޮތުގެ އޮޑިޓެއް ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ހަތަރު މެންބަރުންގެ ކޮމިޓީއެއް އުފައްދަވައިފިއެވެ.

ރައިސް އޮފީހުން ބުނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ.

ކޮމިޓީގެ މައިގަނޑު މަގްސަދަކީ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ހިއްސާކުރުމާއި ގާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.

މީގެ އިތުރުން، ޓެރަރިޒަމްގެ އަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މައުލޫމާތު ހިއްސާކުރެވިފައިވާ މިންވަރު ބެލުމާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރާއި، ތަންފީޒުކުރުމުގައި ގޮންޖެހުންތަކާއި، އަދި މި ނިޒާމުގައި އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަތުންވެސްމެއެވެ. ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމށް ރައީސް އޮފީހުން ބުނެއެވެ.

ކޮމީޓީއަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ކަމާބެހޭ އިދާރާތަކުން މިހާރުވެސް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ޓެރަރިޒަމާއި ގުޅުން ހުރި އިންޓެލިޖެންސް އިދާރާތަކުން މަސައްކަތް ކޮށްފައިވާ ގޮތުގެ އޮޑިޓެއް ހެދުމަށް ނިންމާފައިވަނީ ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުން މިމަހު އަށްވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން މި އޮޑިޓު އެކުލަވާލަން ހަތަރު މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވަނީ މިމަހު 11 ގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.