ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން މިހާރު ފަށާފައިވާ ޓެރަރިޒަމްގެ އަމަލުތަކުގައި ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުނާއެކު ކަން ހާމަކުރުމަށް، ދިވެހި ސިފައިންގެ މައި މަރުކަޒުގެ ސްކްރީންގައި ފަލަސްތީނުގެ ދިދަ މިރޭ ދިއްލާލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެމްއެންޑީއެފުން ފަލަސްތީނުގެ ދިދަ ދިއްލާފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަށް ކަމަށެވެ. އެ ދިދަ 3 ދުވަހުގެ މުއްދަތަށް ދިއްލާފައި އިންނާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެ ދިދަ ދިއްލާފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އެންގުމަށް މިއަދު މާލެ އާއި ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވުމުގެ ގޮތުންނެވެ.

ސިފައިންގެ މަރުކަޒު، ބަންޑާރަކޮށީގެ އާ އިމާރާތުގައި ހަރުކޮށްފައި ހުންނަ ބޮޑު ސްކްރީން ބޭނުންކުރަމުން އަންނަނީ ހާއްސަ ދުވަސްތަކާ މުނާސަބާތަކާ ގުޅުވައިގެން އެކި މެސެޖްތައް ދިނުމަށެވެ. މިއީ މި ފަދަ ކަމެއްގައި އެހެން ގައުމެއްގެ ދިދަ ދައްކާލި ފުރަތަމަ ފަހަރެވެ.

ރައީސްގެ އެދިލެއްވުމަށް ސިފައިންގެ ސްކްރީން ދިއްލާފައި ވާއިރު، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުއްވެރިކުރައްވާ، ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކުރައްވައި، ފަލަސްތީނު ދިދައަކާއެކު ޓްވީޓު ކުރައްވާ ރައީސް ވިދާޅުވެފައި ވަނީ، އެންމެހާ ދިވެހިން ތިބީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށެވެ. އަދި މި ޓްވީޓުގައި ރައީސް ސޯލިހް ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލައި ހޭޝްޓެގެއްވެސް ބޭނުން ކުރައްވާފައެވެ.

ރަމަޟާންމަހުގެ ފަހު ދިހައަކުން ފެށިގެން އިޒްރޭލުން ވަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތައް ދޭން ފަށާފައެވެ. ހަމަލާތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، ޝަހީދުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.