ރާއްޖޭގެ ރައްޔިތުން ތިބީ ފަލަސްތީނާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުއްވެރިކުރައްވާ، ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކުރައްވައި، ފަލަސްތީނު ދިދައަކާއެކު ޓްވީޓު ކުރައްވާ ރައީސް ވިދާޅުވީ، އެންމެހާ ދިވެހިން ތިބީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށެވެ. އަދި މި ޓްވީޓުގައި ރައީސް ސޯލިހް ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލައި ހޭޝްޓެގެއްވެސް ބޭނުން ކުރައްވާފައެވެ.

އެ ޓްވީޓަކީ އިޒްރޭލުން ފަލްސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މި ވަގުތު ހާލުގައި ޖެހިފައިވާ ފަލަސްތީނާ އެކު ދިވެހިރާއްޖެ އޮތް ކަން ރަމްޒުކޮށް ދިނުމަށް މިއަދު މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ކުރެއްވި ޓްވީޓެކެވެ.

ރައީސް ސޯލިހް މީގެ ކުރިން ވަނީ އިޒްރޭލުގެ އަމަލުތައްވެސް ކުއްވެރި ކުރައްވާފައެވެ.

ރަމަޟާންމަހުގެ ފަހު ދިހައަކުން ފެށިގެން އިޒްރޭލުން ވަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތައް ދޭން ފަށާފައެވެ. ހަމަލާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، ޝަހީދުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.