މި ދުވަސްވަރު ރާއްޖޭގައި ގިނަ އަދަދެއްގެ މާބަނޑު މީހުން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ދެމުން އަންނަ އިރު، ދުވަސް ނުފުރާ ވިހާ ކުދިންގެ އަދަދު އިތުރުވެދާނެ ކަމުގެ އިންޒާރެއް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދީފިއެވެ.
ރޭ އެ ސެންޓަރުން ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި ޓެގް ޓީމުގެ އިސް މެމްބަރެއް ކަމަށްވާ ޑރ. އަހުމަދު ފައިސަލް ވިދާޅުވީ، މިހާރު ކޮވިޑް ޖެހިގެން ރިޕޯޓުކުރާ މާބަނޑު މީހުންނާއި ކުޑަކުދިންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން މާބަނޑު މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ވާ ކަމަށް އޭނާ ފަހަގަ ކުރެއްވިއެވެ. އެގޮތުން ބައެއް މީހުން އައިސީޔޫއަށް ލާން ޖެހޭ ކަމަށާއި އަދި ވެންޓިލޭޓަރަށް ލާ ހިސާބަށް ވެސް މީހުންގެ ހާލު ގޯސްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާބަނޑު މީހުންނަށް ކޮ ވިޑް ޖެހިގެން ބޮޑުވަރުވާ އިރު ބައެއް މީހުން ބަނޑަށް ދަރިފުޅު މަރުވާ ކަމަށާއި އަނެއްބައި މީހުން ބައިގެން ދާ ކަމަށާއި އަދި ދުވަސް ނުފުރާ ވިހާ މީހުން ވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް އެންއައިސީޔޫގައި ދުވަސް ނުފުރާ ވިހޭ 2 ކުއްޖަކަށް ފަރުވާ ދެމުން އަންނަ އިރު އެ ކުއްޖާގެ މަންމަ އަކީ ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެއް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
އާންމު ގޮތެއްގައި ރާއްޖޭގައި ދުވަސް ނުފުރާ ވިހާ ކުދިންގެ ރޭޓް އުޅޭނީ 13 ޕަސެންޓަ ގައި ކަމަށާއި ނަމަވެސް މި ރޭޓް އެއް ޕަސެންޓް އިތުރުވެގެން ހިނގައިދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މާބަނޑު މީހުންނަށް ކޮވިޑުން ރައްކާތެރިވުމަށް މިހާރު ވަނީ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ގޮތުން މާބަނޑު މީހުން ޖަހަން ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިން އެވެ. އެ ވެކްސިން ޖަހަން ބޭނުންވާ މީހުން މިހާރު ރެޖިސްޓާ ވުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ފައިޒާ ވެކްސިން ދޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ މީހުންނަަށް ކަމަށް ބުނެފައި ވެއެވެ. އަދި ވެކްސިން ކުރިއަށް ގެންދާނީ މިހާރު ބާކީ ހުރި ވެކްސިންގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ކުރެވޭ އަދަދަށް ވެކްސިން ބެހެއްޓުމަށް ފަހު ކަމަށް ވެސް އެ އެޖެންސީން ބުނެފައި ވެއެވެ.