ސައުދީ އަރަބިއްޔާގެ މަދީނާގައި ހުންނަ، މާތްވެގެންވާ މަސްޖިދު އަލް-ނަބަވީގެ ފެހި ކުލައިގެ ގުއްބަށް މިސައިލް ހަމަލާ ދީ، ގޮއްވާލާ މަންޒަރު ފެންނަ އެނިމޭޝަން ދައްކައިގެން، ވިއުޒް ގިނަ ކުރަން ސްޓަންޓް ޖެއްސި އިންޑިއާގެ ޗެނަލުން، އެކަމަށް މައާފަށް އެދުމަށް، މުސްލިމުންގެ މުގައްދަސް 2 މިސްކިތުގެ ހަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވާ ސައުދީގެ އިންސައިޑް ދަ ހަރަމައިންގެ އެޑިޓޯރިއަލުން ގޮވާލައިފިއެވެ.

މަސްޖިދު އަލް-ނަބަވީގެ ފެހި ކުލައިގެ ގުއްބަށް މިސައިލް ހަމަލާ ދީ، ގޮއްވާލާ މަންޒަރު ފެންނަ އެނިމޭޝަން ދައްކާފައި ވަނީ، މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމުގެ ރެކޯޑް އޮންނަ އިންޑިއާގެ ހަބަރު ޗެނަލެއް ކަމަށްވާ "ސުދާރްޝަން ނިއުސް" އިންނެވެ. މި އެނިމޭޝަން ގެނެސްދީފައި ވަނީ، ޔަހޫދީ އިޒްރޭލުން، ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ކަވަރޭޖުގެ ތެރެއިންނެވެ.

މަސްޖިދު އަލް-ނަބަވީގެ ފެހި ކުލައިގެ ގުއްބަކީ، އިސްލާމީ ތާރީހުގެ މުހިންމު ބިނާއެކެވެ. އެ ގުއްބު ހުރި ސަރަހައްދަކީ، މި އުއްމަތުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އާއި، ފުރަތަމަ ޚަލީފާ އަބޫ ބަކްރުގެފާނާއި، ދެވަނަ ޚަލީފާ ޢުމަރު އިބްނު އަލް-ޚައްޠާބު ފަސްދާނުވެޑުވިފައިވާ ތަނެވެ.

"ސުދާރްޝަން ނިއުސް" އިން ދެއްކި މަންޒަރުތަކަކީ މުސްލިމުންގެ މުހިންމު ރަމްޒަކަށް ބޭއިހުތިރާމް ކުރަނިވި މަންޒަރުތަކެއް ކަމަށާ، އެއީ މުސްލިމުންގެ ޖަޒުބާތުތަކާ ނުހައްގުން ކުޅޭ މަންޒަރުތަކެއް ކަމުން، މިހިނދުން މިހިނދަށް، އެ ޗެނަލުން މައާފަށް އެދެން ޖެހޭ ކަމަށް، އިންސައިޑް ދަ ހަރަމައިންގެ އެޑިޓޯރިއަލުން ގޮވާލައެވެ.

މި މަންޒަރުތައް ގެނެސްދީފައި ވަނީ، މެއި 15، 2021 ވަނަ ދުވަހު، އިސްރާއީލަށް ތާއީދު ހޯދުމަށް ކެމްޕޭން ކުރުމަށް ގެނެސްދިން ޝޯއެއްގެ ތެރެއިންނެވެ.

މާތްވެގެންވާ 2 މިސްކިތާއި، މަސްޖިދު އަލް-އަގްސޯ އަކީ މުސްލިމުންނަށް އެންމެ މުގައްދަސް ތަންތަނަށް ވާއިރު، އެފަދަ ތަންތަނާ ގުޅިގެން، އެއްވެސް ފަރާތަކުން ޖައްސާ ސްޓަންޓަކީ، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، އިންސައިޑް ދަ ހަރަމައިންގެ އެޑިޓޯރިއަލުން ބުނެއެވެ.