ނ.ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މުޅި މަޝްރޫއުގެ އަމަލީ މަސައްކަތުގެ 31 ޕަސަންޓް ނިމިއްޖެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 58 ޕަސަންޓް އަދި 9.5 ކިލޯ މީޓަރުގެ ދިގު ފެން ހޮޅިގެ މައިނެޓްވޯކްގެ ހޮޅިވަޅުލުމުގެ 93 ޕަސަންޓްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ކުޑަފަރީގައި ފެން އުފެއްދުމަށްޓަކާ 2 އާރުއޯ ޕްލާންޓް ބެހެއްޓުމާ، ފެން ރައްކާކުރުމަށްޓަކާ 3 ތާނގީ ބެހެއްޓުމަށް ހަމަޖެހިފައިވާއިރު 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓާ ބަހައްޓާ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވި ގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެމަޝްރޫއުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ 50 ޕަސަންޓް އަދި ޕަންޕިން ސްޓޭޝަންތަކުގެ 44 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 650 މީޓަރުގެ ޕަމްޕިން ލައިން އެޅުމާ، 1 ސީ އައުޓް ފޯލް ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު ގޭގޭގައި ޖަންކްޝަން ބަހައްޓާ، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެއާއެކު، އެމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓާ ސެޓާއި ވެހިކަލް އަދި ފެން ތަހްލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

އެމަޝްރޫއަށް ޖުމްލަ 38 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.