މަޝްހޫރު ވިޔަފާރި މަހުޖަނު އަދި ޑިމޮކްރަސީއަށް ވަކާލާތު ކުރަމުން އަންނަ އެކްޓިވިސްޓް، ޖިމީ ލައިގެ އެސެޓްތައް ފްރީޒް ކުރުމަށް ނިންމާފައިވާ ނިންމުމަކީ، ބައިނަލްއަގުވާމީ ވިޔަފާރިތަކަށް ހޮންގްކޮންގްގައި ދެމި އޮވެވިދާނެ ކަމާ މެދު ކަންބޮޑުވުން އުފައްދަނިވި ފިޔަވަޅެއް ކަމަށް، ޓައިވާނުން ބުނެފިއެވެ.

ގައުމީ ސަލާމަތާ ބެހޭ ގާނޫނުގެ ދަށުން ކަމަށް ބުނެ، ޖިމީ ލައިގެ އެސެޓްތައް ފްރީޒް ކުރަން ނިންމާފައި ވާއިރު، މިއީ ހޮންގްކޮންގްގައި އޮޕަރޭޓް ކުރާ ބައިނަލްއަގުވާމީ ވިޔަފާރިތަކަށް ނުރައްކާ އޮތް މިންވަރު އަންގައިދޭ ކަމެއް ކަމަށް ޓައިވާނުން ވަނީ އިންޒާރު ކޮށްފައެވެ.

ޓައިވާންއަކީ ޑިމޮކްރަސީއަށް ގޮވަލާ، ހޮންގްކޮންގްގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ސަޕޯޓަރެކެވެ. އަދި ހޮންގްކޮންގްގައި އަޑުއުފުލަމުން އަންނަ އާންމުންނާއި އެކްޓިވިސްޓުންގެ އަޑު ކަނޑުވާނުލުމަށް، ހޮންގްކޮންގްއާއި، ޗައިނާގެ ސަރުކާރަށްވެސް ޓައިވާންއިން ގޮވާލައެވެ.

ހޮންގްކޮންގްގެ ޕޮލީޓެކްނިކް ޔުނިވާސިޓީގައި މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކުގެ ތެރެއިން/ފޮޓޯ: ކިން ޗެއުންގް

އުމުރުން 73 އަހަރުގެ މަހުޖަނު އަދި މީޑިއާގެ ނުފޫޒުގަދަ ޖިމީ ލައި، 12 މަސްދުވަހަށް ޖަލަށް ލާން ހުކުމް ކުރީ މީގެ ހަފުތާތަކެއް ކުރިންނެވެ. އޭނާގެ މައްޗަށް މިފަދަ ހުކުމެއް ކޮށްފައި ވަނީ ޑިމޮކްރަސީއަށް ގޮވާލާ މުޒާހަރާއެއްގައި ބައިވެރިވީތީއެވެ. މީގެ އިތުރުން ޗައިނާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ޖިމީ ލައި ގޮވާލި ކަމުގެ ތުހުމަތުވެސް އޭނާއަށް ވަނީ އަމާޒު ކޮށްފައެވެ. މިކަން އޭނާގެ މައްޗަށް ސާބިތު ކޮށްފިނަމަ، އުމުރު ދުވަސްވެސް ޖަލުގައި ހޭދަ ކުރަން ޖެހިދާނެއެވެ.

ހޮންގްކޮންގްއަކީ ޗައިނާގެ އިދާރީ ދާއިރާއެކެވެ. ހޮންގްކޮންގްގެ ހުރިހާ ކަމަކަށްހެން ބާރު ހިންގަނީ ޗައިނާގެ މައި ސަރުކާރުންނެވެ.