ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ފަހު، ސިއްހީ ގޮތުން ނުރައްކާ ދަރަޖައަކަށް އެމީހަކު ވެއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވޭތޯ ބަލާ މުއްދަތު، 28 ދުވަހަށް އިތުރު ކުރަން ޖެހޭ ކަމަށް، އިންޑިއާގެ އާންމު ސިއްހަތާ ބެހޭ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ކޮވިޑް ވެކްސިން ޖެހުމަށްފަހު ކަންބޮޑުވާން ޖެހޭ ފަދަ ސިއްހީ މައްސަލައެއް ކުރިމަތިވޭތޯ މިހާރު ބަލަމުން ދަނީ 72 ގަޑިއިރަށެވެ.
ނަމަވެސް، އިންޑިއާގެ އެޑްވާސް އިވެންޓްސް ފޮލޮވިންގް އިމިއުނައިޒޭޝަން (އެއިފީ) ކޮމިޓީގެ މެންބަރެއް ކަމަށްވާ ޑރ އެންކޭ އަރޯރާ ވިދާޅުވީ، ގިނަ ބްރޭންޑްތަކެއްގެ ވެކްސިންތަކެއް ބޭނުން ކުރާއިރު، ސައިޑް-އިފެކްޓްތަކަށް ފާރަވެރިވާ އުސޫލުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.
ޑރ އަރޯރާ ވިދާޅުވީ، ވެކްސިން ޖަހައިގެން ހާލު ސީރިއަސްވެދާނެ ކަމަށް ބަލާ މުއްދަތު އިތުރުކޮށްގެން ކަންކަން ކުރިއަށް ގެންދިއުމަކީ، ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް އެކަން ކުރާ ގޮތް ކަމަށެވެ. އެހެން ކަމުން، 28 ދުވަހުގެ ތެރޭގައި މިފަދަ އަލާމާތްތައް ރިޕޯޓް ކުރުމުގެ ފުރުސަތު، ވެކްސިން ޑޯޒް ލިބިގަންނަ ފަރާތަށް އޮންނަންޖެހޭނެ ކަމަށް ޑރ އަރޯރާ ވިދާޅުވިއެވެ.
އިންޑިއާއިން ދަނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ކެމްޕޭން ހިންގަމުންނެވެ. އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެނަށް ވެކްސިން ޖެހުމުގެ މަސައްކަތް އިންޑިއާއިން ފެށި ކަމުގައި ވީ ނަމަވެސް، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދު ގިނަ މީހުންނަށް މިހާރުވެސް ވެކްސިން ޖަހަން ލިބެނީ، އަމިއްލަ ޖީބުން ފައިސާ ހަރަދު ކޮށްގެންނެވެ.