ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ އަވަށްޓެރި އިންޑިއާއަށް، ޗައިނާއިން ސިއްހީ އާލާތްތައް ވިއްކާ އަގު ބޮޑުވަމުންދާ ސަބަބު، ޗައިނާއިން ތަފްސީލު ކޮށްދީފިއެވެ.

ކޮވިޑް-19އާ ގުޅިގެން ޗައިނާގެ ކުންފުނިތައް މެދުވެރިކޮށް އިންޑިއާއިން ގަންނަ ބައެއް އާލާތްތަކުގެ އަގު ބޮޑުވުމާ ގުޅިގެން، އިންޑިއާއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި މިފަދަ ވަގުތެއްގައި އަގުތައް ނުއުފުލުމަށްވެސް ޒަމާންވީ އަދުއްވުންގެ ގޮތުގައި އޮތް އިންޑިއާއިން ވަނީ ޗައިނާއަށް ގޮވާލާފައެވެ.

މިކަމަށް ރައްދު ދެމުން ޗައިނާއިން ބުނީ، ސިއްހީ އާލާތްތައް ވިއްކާ އަގު ބޮޑު ކުރަން ޖެހުނީ، އިންޑިއާގެ ޑިމާންޑް ބޮޑުވެ، ބައެއް އަލާތްތައް އުފެއްދުމަށް ބޭނުން ރޯ މެޓޭރިއަލް، ޗައިނާއަށްވެސް އިމްޕޯޓް ކުރަން ޖެހުމުގެ ސަބަބުން، އުފައްދަން ހިނގާ ހަރަދު ބޮޑުވުމުން ކަމަށެވެ.

އޮކްސިޖަން ކޮންސަންޓްރޭޓާ ފަދަ މުހިންމު އާލާތްތަކުގެ އަގު އުފުލުމާ، ކާގޯ ފްލައިޓްތަކުގެ ޝެޑިއުލް ދަތުރުތައް މަޑުޖެހުމުގެ ސަބަބުން، ސިއްހީ އާލާތްތައް އިންޑިއާއަށް އެތެރެވުމުގައި ލަސްކަމެއް އުޅޭކަން، ހޮންގްކޮންގްގައި ހުންނަވާ އިންޑިއާގެ ކޮންސިއުލް ޖެނެރަލް ޕްރިޔަންކާ ޗޯހާން ވަނީ ފާހަގަ ކުރައްވާފައެވެ.

ކާގޯ ފްލައިޓްތައް ދަތުރުތައް މަޑުޖެހުނީ ޗައިނާގެ ސީޝޫއާން އެއާލައިންސްއިން އެޅި ފިޔަވަޅަކާ ގުޅިގެންނެވެ. އިންޑިއާގެ ކޮވިޑް ތޫފާން ގަދަވާން ފެށުމުން، އެ އެއާލައިނުން ވަނީ، 15 ދުވަހުގެ މުއްދަތަށް 11 ކާގޯ ފްލައިޓެއް ކެންސަލް ކޮށްފައެވެ.

ނަމަވެސް ޗައިނާގެ ސަރުކާރުން ވަނީ، ބައިނަލްއަގުވާމީ ސަޕްލައިއަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް، އެ ގައުމުން ކާގޯ ފްލައިޓްތައް އޮޕަރޭޓް ކުރަމުން ދާނެ ކަމުގެ ޔަގީންކަން ދީފައެވެ.