2014 ވަނަ އަހަރު ދުނިޔެ ދުށް އިސްރާއީލު-ފަލަސްތީނު ހަނގުރާމައަށްފަހު، އިސްރާއީލުން ހިންގަމުންދާ އެންމެ ވަރުގަދަ، ލާއިންސާނީ އުދުވާންތަކާ ދެކޮޅަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަ ކޮށްފިއެވެ.

ފާއިތުވީ ހަފުތާއެއްހާ ދުވަހު އިސްރާއީލުން، ފަލަސްތީނުގެ ގައްޒާއަށް އަމާޒު ކޮށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 140 އަށް ވުރެ މައްޗަށް އަރާފައެވެ. މީގެ ތެރޭގައި 39 ކުޑަކުދިން ހިމެނޭއިރު، ޒަހަމްވީ މީހުންގެ އަދަދު، އެތައް ސަތޭކައަކަށް އަރައެވެ.

އިސްރާއީލުގެ މި އުދުވާންތަކާ ދެކޮޅަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ އިހުތިޖާޖުތަކާ މުޒާހަރާތައް ވަނީ ވަރުގަދަ ކޮށްފައެވެ. އިސްރާއީލާ ދެކޮޅަށް، އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުން ކުރިއަށް ގެންދާ ސަރަހައްދުތަކަށް ބަލާއިރު، ދޯހާ، ލަންޑަން، އަދި ޕެރިސްއާއި މެޑްރިޑްވެސް ހިމެނެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އިރާގުގެ މަސްރަހުން / ފޮޓޯ: އަލްޖަޒީރާ

އިރާގް

ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބިކަން އަންގައިދިނުމުގެ ގޮތުން، އިރާގުގެ އެކި ހިސާބުތަކުގައި ވަނީ އެއްވުންތައް ކުރިއަށް ގެންގޮސްފައެވެ. އެއްވުންތަކުގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަތައް، ވައިގެ ތެރޭގައި ވިހުރުވާފައެވެ. އިރާގުގެ ވެރިރަށް ބަގުދާދުގެ އިތުރުން، ބާބިލް، ދީ ގަރް، ދިވާނީ އަދި ބަސްރާގައިވެސް މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ގަތަރު

އެ ގައުމުގެ ރައްޔިތުން ތިބީ ފަލަސްތީނުގެ އަޚުންނާއި އުޚުތުނާއެކުގައި ކަން ބަޔާން ކޮށްދިނުމުގެ ގޮތުން ތަފާޓު އެކި މެސެޖުތަކާ، ދިދަތަކާއެކު ދޯހާގެ މަގުތަކަށްވެސް އެތައް ހާސް މީހުންނެއް ވަނީ ޖަމާވެފައެވެ.

ދޯހާގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ރީލް އަލްގޫލް ބުނީ، މި ހަރަކާތްތަކުގައި އޭނާ ބައިވެރިވަނީ އިސްރާއީލުން ހިންގާ ގަތުލުއާންމާ ދެކޮޅަށް ކަމަށެވެ. އަދި ފަލަސްތީނު މިނިވަން ކުރުމަށް، ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް، ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަދައްކަމުން އޭނާ ވަނީ ބުނެފައެވެ.

ފަރަންސޭސިވިލާތް

މުސްލިމުންނާ ދެކޮޅަށް އެންމެ ހަރުކަށި ސިޔާސަތުތަކެއް ތަންފީޒު ކުރުމުގެ ސަގާފަތެއް އޮތް ފަރަންސޭސިވިލާތުގައިވެސް ފަލަސްތީނުގެ ހައްގުގައި އެއްވުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ގާތްގަނޑަކަށް 4200 އެއްހާ ފުލުސް އޮފިސަރުންގެ ހާޒިރުގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފަރަންސޭސިވިލާތުގެ ފުލުހުން ކަރުނަ ގޭސް ބޭނުން ކުރި ކަމަށް ހަބަރު ލިބެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ސްޕެއިންގައި ކުރިއަށް ގެންދިޔަ ހަރަކާތް / ފޮޓޯ: އަލްޖަޒީރާ

ސްޕެއިން

ސްޕެއިންގެ މެޑްރިޑްގައިވެސް، ފަލަސްތީނުގެ ހައްގުގައި ކުރި މުޒާހަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. 2500 އެއްހާ މީހުން ބައިވެރިވި މި ހަރަކާތުގައި ޒުވާނުން ވަނީ ފަލަސްތީނުގެ ދިދަ، ގައިގައި އޮޅައިގެން މަގުތަކުގައި ހަރަކާތްތެރިވެފައެވެ.

ސްޕެއިންގައި މުޒާހަރާ ކުރަމުން ދިޔަ ޒުވާނުންވެސް ބުނަމުން ދިޔައީ އިސްރާއީލުން ކުރަނީ ހަނގުރާމައެއް ނޫން ކަމަށާ، އިސްރާއީލުން ހިންގަމީ ގަތުލުއާންމެއް ކަމަށެވެ.

ލުބްނާން

ލުބްނާނާ އިސްރާއީލު ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި މަސްރަހު ވަނީ ހޫނުވެފައެވެ. ލުބްނާނުން، އިސްރާއީލުގެ ބޯޑަރު ފަޅާލި މަންޒަރުވެސް ވަނީ ފެނިފައެވެ.

ބޯޑަރު ސަރަހައްދުގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތުގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނާ ލުބްނާންގެ ގައުމީ ދިދައިގެ އިތުރުން، ހިޒްބުއްލޯގެ ދިދަވެސް ވިހުރާފައެވެ.

ކަޝްމީރު

ރާއްޖެއާ އެންމެ ކައިރިން އިންޑިއާގެ ކަޝްމީރާ ވީ ފަޅީގައިވެސް ފަލަސްތީނުގެ ހައްގުގައި މުޒާހަރާ ކުރިކަން ފާހަގަ ކުރަންޖެހެއެވެ. ނަމަވެސް، އިންޑިއާގެ ފުލުހުން ވަނީ މުޒާހަރާއަށް ހުރަސް އަޅާ، މުޒާހަރާގެ ބައިވެރިންގެ ތެރެއިން 20 މީހަކު ހައްޔަރު ކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ތިބި ކަމަށާ، އިސްރާއީލާ ދެކޮޅަށް ޝުއުރު ފާޅު ކުރަމުން ކަޝްމީރުގައި ކުރިއަށް ގެންދިޔަ މުޒާހަރާއަށް އިންޑިއާގެ ފުލުހުން ހުރަސް އަޅާފައި ވާއިރު، އިންޑިއާގެ ފުލުހުން ބުނަނީ، ހަމަނުޖެހުން އުފެދިދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ގައްޒާގެ މަސްރަހުން ހޮނިހިރު ދުވަހުގެ ހަރަކާތްތަކަށް ބަލާއިރު، ގައްޒާގެ ރެފިއުޖީ ކޭމްޕަކަށް އިސްރާއީލުން ހަމަލާ ދީ، ބަޔަކު މަރާލުމުގެ އިތުރުން، ބައިނަލްއަގުވާމީ މީޑިއާ އިދާރާތަކެއް ހިންގަމުންދާ އިމާރާތެއްވެސް ބިމާ ހަމަކޮށްލާފައި ވާ ކަން ފާހަގަ ކުރަންޖެހެއެވެ.