ރާއްޖޭގައި މިވަގުތު ކޮވިޑް ބަލި ހަލުވިކަމާއެކު ފެތުރެމުންދާ އިރު މި ބަލީގައި 290 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި ވެންޓިލޭޓަރުގައި މި ވަގުތު 7 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް ބައްޔާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޖުމްލަ 15 މީހަކަށް މިހާރު އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އެގޮތުން ޑީއެޗް 11 ގައި 7 މީހަކު އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީ އައިސީޔޫގައި 8 މީހަކަށް މިވަގުތު ފަރުވާ ދެމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 15،003 މީހަކު އެބަ ތިއްބެވެ. އަދި އޭގެތެރެއިން 290 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން 244 މީހަކު އެޑްމިޓް ކޮށްފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ޑީއެޗް 11 ގައި ހަތް މީހަކަށް ޑީއެޗް 17 ގައި ހަ މީހަކު އަދި ޑީއެޗް 16 ގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގައި 11 މީހަކު އައްޑޫ ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ.

މީގެ އިތުރުން ބ. އޭދަފުށީ ފެސިލިޓީގައި ދެ މީހަކު އަދި ށ. ފުނަދޫ ފެސިލިޓީގައި ހަތް މީހަކަށާއި ލ. ގަން ފެސިލިޓީގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 272 މީހަކަށް ފަރުވާ ދެނީ ވޯޑުގައެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ނުރައްކާވެފައި ވާއިރު 48 ރަށެއް މިހާރު އޮތީ ކޮވިޑް ފެނިގެން ބަންދު ކޮށްފައެވެ.

އެއީ ޅ. ނައިފަރާއި، އދ. މާމިގިއްޔާއި ތ. މޭވަންޑޫ އާއި ތ. މަޑިފުއްޓާއި ބ. އޭދަފުއްޓާއި ކ. ހިންމަފުއްޓާއި ކ. ގުޅި އާއި ކ. މާފުއްޓާއި އއ. މަތިވެރި އާއި ލ. މާންދޫ އާއި ލ. ގަމާއި ލ. ފޮނަދޫ އާއި ގދ. ތިނަދޫ އާއި އއ. އުކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި އައްޑޫ ސިޓީ އާއި ހއ. ދިއްދޫ އާއި ފ. ފީއަލި އެވެ. މީގެ އިތުރުން އއ. ހިމަންދޫ އާއި ކ. ގުރައިދޫ އާއި ފ. ނިލަންދޫ އާއި ލ. އިސްދޫ އާއި އދ. ފެންފުއްޓާއި ލ. މާވަށާއި ފުވައްމުލަކު ސިޓީ އާއި ނ. ވެލިދޫ އާއި ށ. ފުނަދޫ އާއި ށ. ޅައިމަގާއި ރ. ހުޅުދުއްފާރު އަދި ގދ. ގައްދޫވެސް އޮތީ ބަންދުކޮށްފައެވެ.

އަދި ބ. ތުޅާދޫ އާއި ވ. ފުލިދޫ އާއި އދ. މަހިބަދޫ އާއި ރ. މަޑުއްވަރީ އާއި އއ. ފެރިދޫ އާއި ހދ. ކުޅުދުއްފުށި ސިޓީ އާއި ށ. ކަނޑިތީމާއި ށ. ގޮއިދޫ އާއި ކ. ކާށިދޫ އާއި ދ. ކުޑަހުވަދޫ އާއި ގއ. ދާންދޫ އާއި ޅ. ހިންނަވަރު އަދި ގއ. ގެމަނަފުއްޓާއި ދ. ބަނޑިދޫގެ އިތުރުން ނ. ކެނދިކުޅުދޫ އާއި ތ. ގުރައިދޫވެސް އޮތީ ބަންދުކޮށްފައެވެ.

ކޮވިޑް ބަލީގައި ގިނަ އަދަަދެއްގެ މީހުންނަށް ފަރުވާ ދެމުން އަންނަ އިރު ރެއާއި މިއަދު ވަނީ މީހަކު މަރުވެފައެވެ. އެ ގޮތުން މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ 63 އަހަރުގެ ދިވެހި އަންހެނަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 87 އަހަރު ދިވެހި ފިރިހެނެކެވެ. މިދެ މަރާއެކު މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 93 އަރާފައެވެ. އަދި މި މަހު މި ބަލީގައި މަރުވީ މީ 21 މީހާއެވެ.