އިތުރު 1572 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސި (އެޗްޕީއޭ) އިން ހާމަ ކޮށްފިއެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު 1572 މީހުންގެ ތެރެއިން 1315 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 242 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއަދު ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ވެފައިވާ ސާމްޕަލްތަކުގެ ތެރޭގައި މީގެ ދެތިން ހަތަރު ދުވަސްކުރިން ނެގި ސާމްޕަލްތައްވެސް ހިމެނެއެވެ. މިދިޔަ 24 ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 884 ސާމްޕަލެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 40،092 އަށް އަރާފައެވެ.
ވޭތުވެ ދިޔަ 11 ދުވަހުގެ ކޮވިޑް ކޭސްތަކާއި މަރުވި އަދަދުތައް:
- މެއި 11 - 1501 ޕޮޒިޓިވް ކޭސް، 0 މަރު
- މެއި 10 - 1204 ޕޮޒިޓިވް ކޭސް، 3 މަރު
- މެއި 9 - 1091 ޕޮޒިޓިވް ކޭސް، 0 މަރު
- މެއި 8 - 590 ޕޮޒިޓިވް ކޭސް، 1 މަރު
- މެއި 7 - 766 ޕޮޒިޓިވް ކޭސް، 1 މަރު
- މެއި 6 - 703 ޕޮޒިޓިވް ކޭސް، 5 މަރު
- މެއި 5 - 734 ޕޮޒިޓިވް ކޭސް، 3 މަރު
- މެއި 4 - 601 ޕޮޒިޓިވް ކޭސް، 0 މަރު
- މެއި 3 - 585 ޕޮޒިޓިވް ކޭސް، 0 މަރު
- މެއި 2 - 508 ޕޮޒިޓިވް ކޭސް، 0 މަރު
- މެއި 1 - 402 ޕޮޒިޓިވް ކޭސް، 1 މަރު
މި މަހު ޖުމްލަ 10،257 މީހަކަށް ކޮވިޑް ޖެހިފައި ވާއިރު މިއަދުން ފެށިގެން ރާއްޖޭގައި ވަނީ ފިޔަވަޅުތައް ރުކަށި ކޮށްފައެވެ. އެގޮތުން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އެންގުން ހިމެނެއެވެ.
އަދި 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމާއި މާދަމާއިން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމާފައެވެ.
މިއަދު ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމާ މުހާތަބު ކުރައްވާ ވިދާޅުވީ މިއަދުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކަށް ރަނގަޅަށް އަމަލު ނުކޮށްފިނަމަ އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއްޔާ މިހާރަށް ވުރެ މާ ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.