އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އާންމު ކުރި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސް ވެރިންވެސް ހިޔާނާތުގެފައިސާ ނަގާފައިވާ ކަން ތަހުގީގު ރިޕޯޓުން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު އާއްމު ކުރި އެމްއެމްޕީއާރުސީގެ ރިޕޯޓުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަދި ޔޫތް މިނިސްޓަރު މަހްލޫފަށް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައެވެ. އޭނގެ އިތުރުން އެފްއޭއެމް ތެރޭގައި، އަދި އެފްއޭއެމްގެ ސަރަހައްދުގައި އެކި ފަހަރުމަތިން އެކި މީހުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދީފައިވާކަން އާއްމު ވެފައިވާ ލިޔުންތަކުން އެނގެއެވެ.

ހިޔާނާތުގެ ލިސްޓް އާނމުކޮށްފައިވާ އިރު މީގެ ކުރިން ވަނީ އެލިސްޓުގައި ތިބި މީހުން ކަމަށް ބުނެ ލިސްޓެއް ލީކްވެފައެވެ. ލީކް ވި ލިސްޓުން އެނގޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންތަކަކަށް އެކި ދުވަސްވަރު މަތިން އެފްއޭއެމްގެ ތެރޭގައި އެތައް މިލިއަން ރުފިޔާއެއް ބަހާފައިވެއެވެ. އެފްއޭއެމްގެ ތެރޭގައި ލާރި ދީފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ބައެއް ވަޒީރުންނާ އެފްއޭއެމްގެ އެކްސްކޯ މެންބަރުންވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި އެފްއޭއެމްގެ ކުރީގެ ރައީސުން ކަމަށްވާ އަހްމަދު ތޯރިގް، އިލްހާމް އަހްމަދު އަދި އަލީ އާޒިމްގެ ނަންވެސް ހިމެނެއެވެ. އަދި މީގެ އިތުރުން އެފްއޭއެމްގެ ކުރީގެ ނާއިބު ރައީސް އަބްދުލް މުހްސިން ހަމީދާ، އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެއްޓްރީ ޝާހް އިސްމާއިލްގެ ނަންވެސް ބޮޑު ހިޔާނާތުގެ ލިސްޓުގައި ހިމެނެއެވެ.

ލީކްވި ލިސްޓާ ގުޅިގެން މިވަގުތު އެ ހިޔާނާތް ދިރާސާ ކުރައްވަން ކޮމިޓީގައި އީވާ ހުންނެވުމަކީ މަސްލަހަތަށް ފުށޫއަރާ ފަދަ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 281 މީހަކަށް މަންފާ ލިބިފައި ވާއިރު، އެ ލިސްޓް ދިރާސާ ކުރާ ކޮމިޓީން ފުރަތަމަ ނިންމާފައި އޮތީ ލިސްޓްގެ ސިއްރުކަން ހިފެހެއްޓުމަށާއި މަސްލަހަތު ފުށޫއަރާ މެންބަރުން ކޮމިޓީގަައި ނުތިބުމަށެވެ. އެހެންވެ ދެ ކޮމިޓީން ވެސް ބައެއް މެންބަރުން ވަނީ ލިސްޓު ލިބުނު ހިސާބުން ވަކިވެފައެވެ.