އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލަ ބަލައި ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ރިޕޯޓާއެކު ލިސްޓް އާންމުކުރަން މިއަދު ނިންމައިފިއެވެ.

މަޖިލީހުގެ 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީން މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓުގައިވާ ފަރާތެއްގެ ތެރެއިން 119 ފަރާތަކީ ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތަކެއް ކަމަށް ބުނެފައެވެ. އަދި އެ ލިސްޓް އާންމު ކުރަން ނިންމާފައިވާ އިރު އާންމުކުރަން ނިންމާފައި ވަނީ މުޅި ލިސްޓާއި ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ނަންތައް ހިމެނޭ ލިސްޓް ވަކިން ކަމަށް އެ ކޮމިޓީން ބުނެއެވެ.

ސަބްކޮމިޓީން ރޭ ވަނީ މި މައްސަަލައާ ގުޅިގެން ރިޕޯޓެއް އެކުލަވާލާފައެވެ. އެ ރިޕޯޓުގައި އޮތީ ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުން ވަކިކުރެވެން ހުރި ފަރާތްތައް ވަކިކުރުމަށެވެ. އެގޮތަށް އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ އެވެ. އެހެންކަމުން އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

ސަބްކޮމިޓީން ފައިނަލް ކުރި ރިޕޯޓް ޖޮއިންޓް ކޮމިޓީ އަށް މާދަމާ ހުށަހަޅާ އިރު، ލަސްނުކޮށް ފައިނަލްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖޮއިންޓް ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 281 މީހަކަށް މަންފާ ލިބުނެވެ. އެ ލިސްޓް ދިރާސާކުރަން އެކުލަވައިލި ޖޮއިންޓް ކޮމިޓީން ފުރަތަމަ ނިންމާފައި އޮތީ ލިސްޓްގެ ސިއްރުކަން ހިފެހެއްޓުމަށާއި މަސްލަހަތު ފުށުއަރާ މެންބަރުން ކޮމިޓީގަައި ނުތިބުމަށެވެ. އެހެންވެ ދެ ކޮމިޓީން ވެސް ބައެއް މެންބަރުން ވަނީ ވަކިވެފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓް އާންމު ކުރަން ނިންމި އިރު އެ ލިސްޓް ވަނީ ލީކްވެސް ކޮށްލާފައެވެ. ލީކް ވެފައިވާ ލިސްޓުގައި މިހާރުގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވައެވެ.

ލިސްޓުގައި އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅަކު ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި އަދި އެމްޑީޕީގެ ޕާލަމަންްޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނެ އެވެ. އެވެ. އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވެސް ލިސްޓުގައި ހިމެނެ އެވެ.

ލިސްޓުގައި ހިމެނޭ ޕީޕީއެމް/ ޕީއެންސީގެ މެމްބަރުންގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރުން ހުސެއިން މުހައްމަދު ލަތީފް އަދި ނައިފަރު ދާައިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫންގެ އިތުރުން މެމްބަރު އިބްރާހިމް ރިޒާ ހިމެނެ އެވެ.

ލިސްޓުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރޭގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ހިމެނި ވަޑައިގަންނަވަ އެވެ.

މިނިވަން މެމްބަރުންގެ ތެރެއިން ލިސްޓުގައި ހިމެނުނު ބޭފުޅުންގެ ތެރޭގައި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ. އެމްޑީއޭއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ނަން ވެސް އެ ލިސްޓުގައި ވެއެވެ.